ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާރު ކުރިޔަށް ގެންދާ ” “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުޅުން ނިމި ކުއާޓާ ފައިނަލްގެ މެޗުތަށް ފަށަން ވަނީ ތައްޔާރުވެފައެވެ.
ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ވެސް ރޭ ނިމި ކުއާޓާ ފައިނަލްގެ މެޗުތަށް މާދަމާ ރޭ ފަށާއިރު، މި މުބާރާތުގައި ތަފާތު މޮޅު ޓީމުތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ކުއާޓާއާއި ހަމައަށް އަށް ޓީމެއް ދަތުރު ކޮށްފައިވާއިރު، މީގެތެރެއިން ގިނަ ބަޔަކު ފާހަގަކުރާ މޮޅެތި ޓީމުތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން ސައްތައިން ސައްތަ ރެކޯޑަކާއި އެކު ގްރޫޕް ސްޓޭޖް ނިންމާލި ކަންމަތީ ސްޕޯޓްސް ކުލަބާއި ޑީޑީއެފް ދި ގެނެރޭޝަން ފާހަގަކޮށްލެވެެެއެވެ.
ކަންމަތީ ސްޕޯޓްސް ކުލަބާއި ޑީޑީއެފް ދި ޖެނެރޭޝަން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ވެސް ތަފާތު ބޮޑު ނަތީޖާތަކެއް ނެރެގެން މޮޅުވެ ކުއާޓާއިން ޖާގަ ހޯދާފައެވެ.
ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕް ސްޓޭޖު ނިންމާލީ ހަމަ އެކަނި މި ދެޓީމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި މުބާރާތުގެ ފައިނަލް ގައި ވެސް ބައްދަލުކުރާނެ ދެޓީމަކީ މިއީއެވެ. ނަމަވެސް މި ދެޓީމު މުބާރާތުގެ ފައިނަލްގައި ކުޅެން ޖެހިއްޖެ ނަމަ ތަށި ނަގާނީ ކޮން ޓީމެއްކަން ކަނޑައަޅަން އުނދަގުލެވެ. އެއްބަޔަކު ބުރަވަނީ ކަންތީ ސްޕޯޓްސް ކުލަބަށެވެ. އަނެއް ބަޔަކު ބުރަވަނީ ޑީޑީއެފް އަށެވެ. މި ދެޓީމުން މުބާރާތުގެ ފައިނަލުގައި ކުޅޭނެ ކަމަށް ބުނާ ގިނަ ބަޔަކު އެބަތިއްބެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ.
ގިނަ ބަޔަކުގެ ޚިޔާލު ހުރިގޮތުން ކަންމަތީ ސްޕޯޓްސް ކުލަބުން މި މުބާރާތުގެ ތަށި ނަގާނެ ކަމަށް ބެލެވެނީ އެޓީމުން މި މުބާރާތުގައި ދައްކާ ފައިވާ ކުޅުމަށް ރިޢާޔަތްކޮށެވެ. ގްރޫޕް ސްޓޭޖުގައި އިދިކޮޅަށް ނިކުންނަ ކޮންމެ ޓީމެއްގެ ކޮޅަށް ވެސް ގިނަ ލަނޑު ތަކެއް ޖަހާފައި ވެއެވެ.
އެގޮތުން ކަންމަތީ ސްޕޯޓްސް ކުލަބު ކުޅުނު މެޗުތަކަށް ބަލާއިރު، ގްރޫޕް ބީގައި ހިމެނުނު ގޯޅި ޖޭއާރު އާއި ދެކޮޅަށް ކުޅުނު މެޗު 3-8 އިން ކާމިޔާބު ކުރިއިރު، ދެވަނަ މެޗުގައި ރޯޔަލް އެފްސީއާއި ވާދަކޮށް 3-12 އިން ވަނީ ކާމިޔާބުކޮށްފައެވެ. ތިންވަނަ މެޗުގައި ޑީކޭއެންޒެޑް އާއި ވާދަކޮށް 3-14 އިން މޮޅުވި އިރު، ހަތަރުވަނަ މެޗުގައި ސުޕަސްޓާރ އާއި ވާދަކޮށް 4-20 އިން ވަނީ މޮޅުވެފައެވެ.
މުޅި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ބަލާއިރު، އިދިކޮޅު ޓީމުތަށް ކޮޅަށް ކަންމަތީ ސްޕޯޓްސް ކުލަބުން ވަނީ ޖުމްލަ 54 ލަނޑު ޖަހާފައެވެ. ބައިކޮޅަށް ވަދެފައިވަނީ 13 ލަނޑެވެ. އެޓީމުން ކުއާޓާއަށް ދަތުރުކުރީ 12 ޕޮއިންޓާއި ފައިދާ 41 ގޯލާއި އެކުގައެވެ.
ޑީޑީއެފް ދި ޖެނެރޭޝަން އަށް ބަލާއިރު، އެޓީމުން ވެސް ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އިދިކޮޅަށް ކުޅުނު ކޮންމެ ޓީމެއްގެ ކޮޅަށް ވެސް ގިނަ ލަނޑުތަކެއް ސްކޯ ކޮށްފައިވެއެވެ. އެގޮރުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި 3-6 އިން ގޯޅި ސްޕޯޓްސް ބަލިކޮށްފައިވެއެވެ. އަދި ދެވަނަ މެޗުގައި 1-10 އިން ޔުނައިޓެޑް ކިލާ ބަލިކޮށްފައިވެއެވެ. އަދި ތިންވަނަ މެޗުގައި 3-4 އިން ޑޭންޖަރަސް ބޯއީސް ބަލިކޮށްފައިވެއެވެ. އަދި ހަތަރުވަނަ މެޗުގައި 1-3 އިން އައުޓްރީފް ބަލިކޮށްފައިވެއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގައި ޖުމްލަ 23 ގޯލް ވަނީ ޖަހާފައެވެ. އަދި އެޓީމުގެ ބައިކޮޅަށް ވަދެފައިވަނީ ޖުމްލަ 8 ގޯލެވެ. އެޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރީ 12 ޕޮއިންޓާއި ފައިދާ 15 ގޯލާއި އެކުގައެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ކަންމަތީ ބައްދަލުކުރާނީ ޔުނައިޓެޑު ކިލާއާއެވެ. އަދި ޑީޑީއެފް ބައްދަލުކުރާނީ ޑީކޭއެންޒެޑް އާއި އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ނަތީޖާތަކަށް ބަލާއިރު ކަންމަތި ސްޕޯޓްސް ކުލަބަށް ވެސް އަދި ޑީޑިއެފް އަށް ވެސް ސެމީއަށް ދަތުރު ކުރުމުގައި މާ ބޮޑު އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަކަށް ނުބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް