ކެންސަރަށް ފަރުވާހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން ނައިބު ރައީސް މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ސަރުކާރުގެ ކަމާގުޅޭ އިދާއިރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގައި ކެންސަރަށް ފަރުވާހޯދާ ފަރ...

22 Oct 2020 | 12:58

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ސަރުކާރުގެ ކަމާގުޅޭ އިދާއިރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގައި ކެންސަރަށް ފަރުވާހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ޙައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެ މަނިކުފާނު ވަނީ ކެންސަރު ބައްޔާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް ކެންސަރ ސޮސައިޓީން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި އެ ޖަމުޢިއްޔާގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކެންސަރު ބައްޔާއި އެ ނޫން ވެސް އެ ފަދަ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާގެ ކަންކަމަށް މިހާރަށްވުރެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ބައްދަލުކުރެއްވުމުގެ ބައިވެރިންނާއެކު މަޝްވަރާކުރައްވާފަ އެވެ. އަދި ފަރުވާހޯދުމުގައި ބަލިމީހުންނަށް މިހާރު ކުރިމަތިވާ ދަތިތައް ޙައްލުކުރުމުގައި ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ ކެންސަރު ބައްޔަށް ފަރުވާހޯދާ މީހުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންނާއި، އެ ބައްޔާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެ ޖަމުޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ޞިއްޙީ ދާއިރާގެ އިސްވެރިން ވަނީ ކެންސަރު ބަލީގެ ފަރުވާގެ ކަންކަމާ ގުޅޭގޮތުން އެ ބޭފުޅުން ތަމްޞީލުކުރައްވާ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި، އަދި މިހާރު ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ޙިއްޞާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް