ހެލްތް މިނިސްޓަރަކަށް މި ދަނޑިވަޅު އެންމެ ރަނގަޅު ބޭފުޅަކީ މިއަދު އެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމް (ކެރެފާ) ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހެލްތް މިނިސްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީނާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އެމްޑީޕީ ޕީޖީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ވެއްދުމުން އޭނާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެލްތް މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަން ކުރެއްވީ މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
އެމަގާމަށް ނަސީމް އައްޔަން ކުރެއްވުމުން ކުރެއްވި ޓުވީޓެއްގައި ނަޝީދު ވަނީ ނަސީމްއަށް މަރުހަބާ ވިދާޅުވެފައި އެވެ.
ނަޝީދު ވިދާޅުވީ މި ދަނޑިވަޅު ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވަނީ ތަޖުރިބާހުރި ހިންގުންތެރި ބޭފުޅެއް ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި ހެލްތް މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަން ކުރަން ރައީސް ސޯލިހު ނިންމެވުމަކީ ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި ނަސީމް ތަފާތު ދައްކަވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
https://twitter.com/MohamedNasheed/status/1319241321161183232
ނަސީމް އަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމު ހުސްވުމުން އެމަގާމަށް ނަސީމް އައްޔަން ކުރުމަށް ގޮވާލާ އެމްޑީޕީން ސޯޝަލް މީޑިއާގައި ކެމްޕެއިން ކޮށްފައިވެ އެވެ.
އެކަމަކު ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ ޑރ. އަބްދުﷲ މައުސޫމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް