ކުށްކުރުމާއި ވިޔާނުދާ އާދަތަކުން ދުރުވެ، މުޖުތަމަޢު ބަލައިގަންނަ ޒުވާނުންތަކަކަށް ވުމަށް ޢަޒުމުކަނޑައެޅުމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ގައުމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ޔޫތު މިނިސްޓްރީ އިން ބާއްވާ ޔޫތު ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި ވަރޗުލްއަލްކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ނެވެ.
މިނިސްޓަރ ވިދާޅުވީ ކަންކަން ޙާސިކުކުރުމަށްޓަކައި ކާމިޔާބީއަށް ވާސިލުވުމަށް ބޭނުންވާ މަންޒިލަށް ދިއުމަށްކުރާ ދަތުރުގައި ގިނަ ގޮންޖެހުންތަކާއި ދަތި، އުނދަގޫ ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ކޮންމެ ޒުވާނަކުވެސް ޢަޒުމު ކަނޑައަޅަންވީ މިހެންދިމާވާ ދަތި އުނދަގޫތައް ގިރާކޮށް ބޭނުންވާ މަންޒިލަށް ވާސިލުވުމަށް ކަމަށެވެ.
މީގެ އިތުރުން ހިތްވަރާއެކު ނުގުޑާފަދަ ޢަޒުމެއްގައި މަސައްކަތް ކޮށްފި ނަމަ، ކޮންމެ ޒުވާނަކަށްވެސް ވަކި ގިންތިއެއް އަދި ފަންތިއެއް ނެތި އެ ފުރުސަތު އޮންނާނެކަން އަމިއްލަފުޅު ތަޖުރިބާއިން ޔަގީންކޮށްދެއްވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ ކުޅިވަރަކީ ހަމައެކަނި ފުޓްސަލް އާ ފުޓްބޯޅަ ނޫން ކަމަށާއި އެހެނިހެން ކުޅިވަރުތައްވެސް ތަފާތުކުރުމެއް ނެތި ކުރިއެރުވުމަށް ކުރީ ސަރުކާރުތަކުން ނުކުރާވަރަށް މަސައްކަތްކޮށް، އެކަމަށް ޚަރަދުކުރަމުންދާކަން ގައުމީ އެސޯސިއޭޝަންތަކާއި އެތްލީޓުން ގަބޫލު ކުރާނޭކަން ކަށަވަރު ކަމަށެވެ.
"ބައެއް ޒުވާނުން އުއްމީދުކުރާ ބާރު މިނުގައި މިތަފާތުތަކާއި ބަދަލުތައް ޢަމަލީގޮތުން ފާހަގަ ނުކުރެވުނަސް، ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އެކިއެކި ކުލަތަކުން އެމަންޒަރުތައް ބަދަލުވަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން. އެއްގަމާ، ކަނޑާ އަދި ވައިގެ ކުޅިވަރުތައް ތަފާތު ކުރުމެއް ނެތި، އަދި ޖިންސުގެ ތަފާތު ކުރުމެއްވެސް ނެތި ޒުވާނުންގެ އުއްމީދާ އެއްގޮތަށް އެކަންކަމަށް މަގުފަހިކޮށް ދިނުމަށް ކުރެވެން ކުރި ހުރިހާ މަސައްކަތެއް ކުރާނަން." މިނިސްޓަރ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް