ށ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 89 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ނުނިމިވަނީ ތިން މަސައްކަތެއް ކަމަށެވެ.
އޭގެ ތެރެއިން ޕޭވްމަންޓް ސަރަޙައްދުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓު މަސައްކަތް އަދި ޕޭވްމަންޓް ސަރަޙައްދުގައި ކާބް ލައިން އެޅުމުގެ މަސައްކަތުގެ 79 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ފެންޖަމާކުރާ ޓޭންކް ހެދުމުގެ މަސައްކަތްތަކުގެ 89 ޕަސެންޓު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށޫ ބަނދަރުގެ 14,731 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. 35،348 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އަލަށް ހަދާ ބަނދަރުގެ ފަޅުކޮނުމާއި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އަދި 190 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 12 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައިވެ އެވެ. އެ ކުންފުނިން ބުނީ މަޝްރޫއު އެއްކޮށް ނިމޭއިރު 20 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހައި، މަގު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 1،991 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެ ކަމަށެވެ.
މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ29.41 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު އަށެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް