ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި ހެލްތް މިނިސްޓްރީން ހަރަދުކުރުމުގައި ނަހަމަ ފައިދާވި އެންމެންގެ ނަންތަށް ހާމަކޮށް، ކަން ހިންގާފައިވާ ގޮތް ކިޔައިދޭނެ ކަމަށް ބުނެ، ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ އަދި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ރައީސް އޮފީހަށް ފޮނުއްވި ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.
އެ ސިޓީ ރައީސް އޮފީހަށް ފޮނުވާފައިވަނީ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ސިއްރު ސިޓީއެއްގެ ގޮތުގަ އެވެ. އާއްމުވެފައިވަނީ ނިޝަމާ ރައީސް އޮފީހަށް ފޮނުއްވި ސިޓީއެއްކަން އޭނާގެ ވަކީލު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ނިޝަމާގެ ވަކީލު ވިދާޅުވީ، އެ ސިޓީއަކީ ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގުގެ ކުރީކޮޅު ރައީސް އޮފީހާ އެކު ކުރެވުނު މުއާމަލާތްތަކުގެ ތެރެއިން ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަން ވެގެން ނިޝާމާ ފޮނުއްވި ސިޓީއެއް ކަމަށެވެ.
ވެންޓިލޭޓަރުގެ މައްސަލައިގެ ތަހުގީގު އިދާރާތަކުން ކުރިއިރު، ނިޝާމާ އަށް އެނގިވަޑައިގަންނަވާ ހުރިހާ މައުލޫމާތެއް، އަދި ކަން ހިނގި ގޮތް ތެދު ބަހުން ހިއްސާކުރައްވާފައިވާނެ ކަަމަށް ވަކީލު ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ފޮނުއްވި އެ ސިޓީގައި ނިޝާމާ އެދިވަޑައިގަތީ ތަހުގީގަށް މައުލޫމާތު ދެއްވުމުން އޭނާއަށް ރައްކާތެރިން ފޯރުކޮށް ދިނުމަށެވެ.
ބެލެވޭ ގޮތުގައި ނިޝާމާ އެ ވިދާޅުވި މައުލޫމާތަކީ ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރަން އެއްބަސްވުން ހެދި ގޮތާއި ފައިސާ ދެއްކި ގޮތެވެ. ޕީޖީ އޮފީހަށް ފޮނުވި އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ، 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏާ ހަވާލުކޮށް ފައިސާ ދޫކުރީ އެއްބަސްވުމެއް ނެތި ކަަމަށެވެ. އެއްބަސްވުން ހެދީ ފައިސާ ދޫކުރި ފަހުން ކަމަށާއި 30 މިލިއަން ދޫކުރީ ޕަފޯމަންސް ގެރެންޓީއަކާ ނުލައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށެވެ.
ނިޝާމާ ރައީސަށް ސިޓީ ފޮނުވާފައިވަނީ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވަމުން އެކަމުގެ ތަހުގީގު އޭސީސީއިން ކުރަމުންދާކަން ފާހަގަކުރައްވަ އެވެ. އެ ސިޓީގައި ނިޝާމާ އިތުރަށް ވިދާޅުވީ، ވެންޓިލޭޓަރު ގެނައުމުގެ މުއާމަލާތުގައި ހިގި ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރަމުންދަނީ އޭނާ އަކީ ވެސް ތުހުމަތު ކުރެވޭ މީހެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި އެގޮތަށް ދެކިގެން ތަހުގީގު ކުރިޔަސް ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ނިޝާމާާ ވަނީ ވިދާޅުވެފަ އެވެ.
ވެންޓިލެޓާ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ކުރުމަށް އެދި އޭސީސީއިން ފޮނުވި ރިޕޯޓުގައި ނިޝާމާގެ ނަން ވެސް އޮތެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ، ޕީޖީއިން ވަނީ ނިޝާމާ ހިމެނޭހެން އިތުރު 11 ބޭފުޅެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އެ ރިޕޯޓް އަނބުރާ ފޮނުވާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް