އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އަށް ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޭއޭއޭ ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގު ދެމިގެންދާ މައްސަލަ ދަރިވަރުންނާއި، އެ ދަރިވަރުންގެ ބަލެނިވެރިން އަދި ދަރިވަރުންގެ ޔޫނިއަން މިނިސްޓްރިއާ ހިއްސާކޮށް އެކަމުގެ ޝަކުވާ ކުރައްވާފައިވާ ކަމަށެވެ.
ބަޔާނުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އޭއޭއޭ އަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށް، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދަށުން އޮޕަރޭޝަންސް ރެގިއުލޭޓް ކުރާ އެކަޑަމީއަކަށް ވުމުން، ދަރިވަރުންނާއި ބެލެނިވެރިން ޝަކުވާ ހުށަހެޅުމުން އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ވެސް ހިއްސާ ކުރެވިފައިވާނެ ކަމަށެވެ.
އޭއޭއޭ ފިޔަވަޅު އަޅަން ހަޔާ އެޑިއުކޭޝަނުން ނިންމީ، ސިވިލް އެވިއޭޝަނުން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު ފާހަގަ ކުރި ކަންތައް މިއަހަރުގެ އޮކްޓޫބަރު މަހު ވެސް ފާހަގަވެފައިވާތީ، އޮޑިޓުން ފާހަގަވި ކަންތަށް ރަނގަޅު ކުރަން އެކަޑަމީން މަސައްކަތް ކޮށްފައި ނުވުމުންނެވެ.
ހަޔާ އެޑިއުކޭޝަންގެ ބަޔާނުގައި އޭއޭއޭ އަޅަން ނިންމާފައިވާ ފިޔަވަޅާ ގުޅޭ ގޮތުން ތަފްސީލެއް ނުދެ އެވެ. ހަމައެކަނި ބުނީ، ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއިއެކު ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅުއަޅަން ނިންމާފައިވާ ކަމަށެވެ.
އޭއޭއޭއިން މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއް ތިބޭތީ، އެ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން މިއަދުން ފެށިގެން މަސައްކަތު 20 ދުވަހުގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި އެ އެކަޑަމީގައި ކިޔަވަމުންދާ 96 ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހެދުމަށްފަހު ހަޔާ އެޑިއުކޭޝަނަށް ހުށަހަޅައި، މިނިސްޓްރީން އެ ޕްލޭން ތަންފީޒުކުރުމާއި ގުޅޭ ހުއްދަ ހޯދައިގެން ކުރިއަށް ގެންދިއުމަށް އޭއޭއޭއަށް ވަނީ އަންގާފަ އެވެ.
އިތުރަށް ބަޔާނުގައި ބުނެފައިވަނީ އޭއޭއޭ އިން ހުށަހަޅާ ޕްލޭންއެއް ކުރިއަށް ގެންދިއުމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާ ކުރާނެ ކަމަށާއި އެ ޕްލޭންއާއި އެއްގޮތަށް އަމަލުކޮށް، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވެންދެން، އިތުރު ދަރިވަރުން އެކަޑަމީގައި އެންރޯލް ނުކުރެވޭނެކަން އަންގާފައިވާނެ ކަމަށެވެ.
މީގެ އިތުރުން ސިވިލް އޭވިއޭޝަނުން އޮކްޓޯބަރު މަހު ފުރިހަމަ ކުރި އޮޑިޓަށްފަހު ހުށަހަޅާފައިވާ ގޮތަށް ހަފްތާއަކު ތިން ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް އޮޕަރޭޝަންސް ބަދަލުކުރުމަށާއި، އަދި ދެފުށް ފެންނަ ގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަށާއި، އެއްވެސް އެއާކްރާފްޓެއްގައި މައްސަލައެއް ޖެހިފައިވާނަމަ، އެކަމެއް އަވަހަށް ހައްލުކޮށް، ނުވަތަ ދަރިވަރުންގެ އަތުން ނެގޭ ފީ އިތުރު ނުވާނެހެން، ގަވާއިދުތަކުގެ ތެރެއިން އެހެން އެއާކްރާފްޓެއް ބޭނުންކޮށްގެން ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރުއެއް ނާންނަގޮތަށް ކުރިއަށްގެންދިއުމަށް އޭއޭއޭއަށް އަންގާފައިވާކަމަށް ހަޔާ އެޑިއުކޭޝަންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ދަރިވަރުންގެ އަތުން ފީ ނަގަމުންދަނީ ބޭރު ފައިސާއިން ކަމަށްވާތީ އެކަން އެގޮތަށް ނުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.
ބަޔާން ނިންމާލަމުން ހަޔާ އެޑިއުކޭޝަނުން ބުނީ، އެ މިނިސްޓްރީއަކީ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ބަލަދުވެރި ފަރާތްކަމުން، ކިޔަވަމުން އަންނަ އެއްވެސް ދަރިވަރެއްގެ ހައްގެއް ގެއްލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް