"ޤައުމުގެ ދުލުން" ނަމުގައި އެމްއެމްއޭސީ ލަވަ މުބާރާތެއް ބާއްވަން ޤައުމީ ލަވަ ކިޔުމުގެ މުބާރާތެއް ބޭއްވުމުގެ ތައްޔާރީތައް ކުރެވެމުންދާ ކަމަށް މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ (އެމްއެމްއޭސީ) އިން ހާމަކޮށްފި އެވެ.
އެ ސެންޓަރުން ބުނީ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބާއްވާ މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އަދި ވީޓީވީގެ ބައިވެރިވުމާ، އެހީތެރިކަމާއެކު ކުރިޔަށް ގެންދެވޭ މުބާރާތެއް ކަމަށެވެ.
ޤައުމީ ޝިޢާރު ފާޅުކުރުމާއި ޤައުމިއްޔަތުގެ އިޙުސާސް ކޮށްދޭ ލަވަތަކެއް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުމުގެ މަޤުޞަދުގައި ބާއްވާ މި މުބާރާތް ބަހާލާފައިވަނީ 6 ޢުމުރުފުރާ އަކަށެވެ.
އެގޮތުން 8 އަހަރުން ދަށާއި، 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުންދަށާއި 18 އަހަރާއި 35 އަހަރަށް މި މުބާރާތް ވަނީ ބަހާލާފަ އެވެ.
އެމްއެމްއޭސީގެ ޗެއަރމަން ޢަލީ ޢަބްދުލް ކަރީމް (ރުކުމާ އަލީ) ވިދާޅުވީ މި މުބާރާތް ވެގެންދާނީ ބެލުންތެރިން ވަރަށް ޝައުޤުވެރިވާ ލަވަތަކެއް ހިމެނޭ، ވަރަށް ވާދަވެރި މާހައުލެއްގައި އުމުރު ފުރާތަކުގެ މެދުގައި ވާދަކުރެވޭގޮތަށް، ބޭއްވޭ މުބާރާތަކަށް ކަމަށެވެ.
"ޤައުމުގެ ދުލުން މިމުބާރާތް ވެގެންދާނީ ޤައުމީ ޖޯޝާއި ރޫޙު އާލާ ކުރުމަށް އަޅާދެވޭ ވަރަށް ބޮޑު ބާރަކަށް. މި މުބާރާތުގެ ކޮންމެ ލަވައެއްވެސް ޝަރަޙަ ކުރެވި މާނައާ މެސެޖުން ޤައުމީ ޖޯޝާއި ރޫހު އާލާވެގެންދިއުން ވަރަށް މުހިންމު. ލަވަ ވާން ޖެހޭނީ މިމަޤްޞަދުގައި މިމުބާރާތަށް ޚާއްޞަކޮށްގެން ހެދިފައިވާ ލަވައަކަށް." ޢަލީ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ކޮންމެ ލަވައަކުންވެސް ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކޮށްދޭ ފަހި މެސެޖްތަކެއް ދެވިގެންދާނެ ކަމަށާއި މުބާރާތުގެ މައިގަނޑު މަޢުޟޫއާ ތަޢާރަޒުވާ އެއްވެސް ކަމެއް ނުހިމެނޭނެ ކަމަށް. އަދި ލަވަކިޔުމުގެ ކުރިން، ލަވައިގެ ޅެން، އެމްއެމްއޭސީ އިން ކަނޑައަޅާފައިވާ ފަނޑިޔާރުން ފާސްކުރާނެ ކަމަށެވެ.
މިމުބާރާތަކީ ވަރަށް ފުޅާކޮށް ޤައުމީ ޖޯޝެއްގައި ހުޅުވާލާފައިވާ މުބާރާތަކަށްވާތީ، އަތޮޅު ތެރޭގެ ބައިވެރިވުން ހިމެނުމަށްޓަކައި ރަށްރަށުން ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ކޯވިޑްގެ މިދުވަސްވަރުގައި ދަތުރުކުރުމުގެ ދަތިކަން ހުރުމާއެކު، ރަށްރަށުން ބައިވެރިވާންއެދޭ ފަރާތްތަކަށް ވަރޗުއަލްކޮށް ލަވަ ބައިވެރިކުރެވޭ ނެއެވެ.
މިގޮތުން ރަށްރަށުން ފޮނުވާ އޮޑިޝަން ކްލިޕްގެ ދިގުމިނުގައި އެއްމިނިޓާއި ތިރީސް ސިކުންތުގެ ދިގުމިން ހުންނަންޖެހޭނެ ކަމަށާއި އޮޑިޝަންއަށް ފޮނުވާ މިކްލިޕްތަކުގެ ބޭނުމަކީ ފެންވަރު ވަޒަންކުރުން ކަމަށް އެމްއެމްއޭސީ އިން ބުނެ އެވެ.
އެ ސެންޓަރުން ބުނީ މިހާރުވެސް ވަރޗުއަލް ބައެއް ލަވަ ލިބިފައިވާކަމަށާއި ރަށްރަށުން ބައިވެރިކުރަންއެދޭ ކްލިޕްތައް ފޮނުވާނީ 7993892 ގެ ޓެލްގްރާމް ނުވަތަ ވަޓްސްއަޕް ނަންބަރަށް ކަމަށެވެ.
މި މުބާރާތުގެ ވަނަތައް ހޮވުން ހަމަޖެހިފައިވަނީ ކޮންމެ އުމުރުފުރާއަކުން 1،2،3 ވަނަ ހޮވުމުގެ އިތުރުން، ޖޫނިއަރ ގްރޫޕުން އެންމެ މޮޅު 1،2،3 ވަނަ، ސީނިއަރ ގްރޫޕުން އެންމެ މޮޅު 1،2،3، މުޅި މުބާރާތުގެ 3 2 1 އަދި މުޅިމުބާރާތުން ބެލުންތެރިންގެ ހޮވުމުން ހޮވޭ އެންމެ މޮޅު ތިން ފަރާތެއް (ޕޮޕިއުލަރ) ވޯޓް އެސް އެމް އެސް މެދުވެރިކޮށް ހޮވުމާއި ޅެންވެރިކަމުގެ ގޮތުން ވެސް މުޅި މުބާރާތުން 1،2،3 ހޮވުމަށް ހަމަޖެހިފައިވެއެވެ.
މިމުބާރާތުގައި ޕޮޕިއުލަރ ވޯޓުން ހޮވޭ ފަރާތްތައް ހޮވުމުގައި ފަނޑިޔާރުންގެ ވޯޓެއް ނުހިމެނޭނެ އެވެ. މިމުބާރާތް މުޅިރާއްޖެއަށް ދުރަށްދެއްކުމާ ހަވާލުވެފައިވަނީ މުބާރާތުގެ އެއް ޕާޓްނަރ ކަމަށްވާ ވީޓީވީއެވެ.
މިމުބާރާތަށް ހުށަހަޅާ ކޮންމެ ލަވައެއްގައިވެސް މަންޒަރާއެކު ވީޑިޔޯ ހުށަހަޅަންޖެހޭނެ ކަމަށާއި ލަވަކިޔާ އަޑު އިވޭ ކޮންމެ ހިސާބެއްގައި ލަވަ ހުށަހަޅާ ފަރާތް ލަވަކިޔަނިކޮށް ފެންނަ ގޮތަށް ތައްޔާރުކުރެވިފައި އޮންނަންވާނެ ކަމަށް މިމުބާރާތާއި ބެހޭ ގަވާއިދުގައި ވަނީ ބުނެފަ އެވެ.
އެމްއެމްއޭސީ އިން ބުނީ ލަވަ ދަސްކޮށްދިނުމުގައާއި ލަވައިގެ ވީޑިއޯ ތައްޔާރު ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
މިމުބާރާތް ވެގެންދާނީ މެދު ކެނޑިފައިވާ ޤައުމީ ލަވަމުބާރާތް ބާއްވާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބި މިފަދަ މުބާރާތެއްގައި ބައިވެރިވާ ހިތްވެފައި ތިބި، އެތައް ބަޔެއްގެ އުއްމީދާ ގުޅިފައިވާ މުބާރާތަކަށް ކަމަށާއި މި މުބާރާތުގެ އަޕްޑޭޓްސްތައް އެމްއެމްއޭސީ ގެ ފޭސްބުކު ޕޭޖުން ނާއި އެ ސެންޓަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، 9990997 ، 7993872 އީމެއިލް އެޑްރެސް : [email protected]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް