މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރުމަށް ފަހު އެކަން 24 ގަޑިއިރުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަންގަން ހަނދާން ކޮށްދީފި އެވެ.
ސީއެސްސީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރުމަށް ފަހު އެކަން 24 ގަޑިއިރުގެ ތެރޭގައި އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭކަމަށް އެ ގަވައިދުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު ބައެއް އިދާރާތަކުން މި ގަވައިދާ އެއްގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.
ސީއެސްސީން ބުނީ ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ސިވިލް ސާވިސްގެ ގަވާއިދާށް އަމަލު ކުރަން އެ ކޮމިޝަނުން ވަނީ އިލްތިމާސް ކުރާ ކަމަށެވެ. މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން އެ ކޮމިޝަނަށް ފޮނުވުމުގައި އިހުމާލުވާ އިދާރާތަކުގެ އެ މަސައްކަތް ކުރާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ޤަވައިދުގެ 258 ވަނަ މާއްދާގެ (ނ) އަކީ މައްސަލައެއްގެ ތަޙުޤީޤު މަރުހަލާގައި އަދި ޝަރީޢަތަށް ހުށައަޅައިފައިވާ މުއްދަތުގައި މުސާރަދޭގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މުވައްޒަފެއް އޮފީހަށް ނުކުތުން މަނާ ކުރުމުގެ ހާލަތްތައް ބަޔާންކޮށްފައިވާ މާއްދާއެވެ.
އެމާއްްދާގައި ބުނެފައި ވަނީ މުވައްޒަފެއްގެ ވަޒީފާއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ވަގުތެއްގައި އެ މުވައްޒަފާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ނައްތާލުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރެވިދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް