ކުޅުދުއްފުށީ ސިޓީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު މިމަހު 30 ގެ ނިޔަލަށް ނިމޭނެ ކަމަށް މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މަސައްކަތުގެ 98 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ ތެރެއިން ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް ވަނީ ނިމިފައި އެވެ.
މި މަޝްރޫއުގެ ދަށުން އެ ކުންފުނިން ކުޅުދުއްފުށީގައި ކުރިން އޮތް ބަނދަރު ފުޅާކޮށް ބޮޑު ކުރާނެ އެވެ.
މަޝްރޫއު ނިމޭއި 236،844 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރާނެ އެވެ. 24،450 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1000 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އަދި އެއްގަމުތޮށި ހިމެނޭ ސަރަޙައްދުގެ ބިންގަނޑު އެއްވަރު ކުރުމާއި، އެ ސަރަޙައްދުގައި ގާ އެތުރުމާއި، ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 129،529 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް