ކޯވިޑަށް ފަރުވާ ހޯދައި ރަނގަޅުވާތާ ތިން މަސް ތެރޭގައި އަތޮޅު ތެރެއަށް ދަތުރު ކުރިޔަސް ހޯމް ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އަތޮޅު ތެރޭގައި ހޯމް ކަރަންޓީން ވުމާއި ބެހޭ ގަވައިދުގައި މިގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު ބައެއް ރަށްރަށުގައި އެފަދަ މީހުން ހޯމް ކަރަންޓިންގައި ތިބެން ޖެހޭނެ ކަމަށް ކައުންސިލްތަކުން ނިންމާ ކަމަށް ބުނެ އާންމުން ޝަކުވާ ކުރެ އެވެ.
މިކަމާއި ގުޅިގެން އެޗްއީއޯސީގެ އަތޮޅު ތަކާއި ބެހޭ ބައިގެ ފަރާތުން ވާހަކަދައްކަވަމުން އަބްދުﷲ މައުރޫފު ވިދާޅުވީ ކޯވިޑަށް ފަރުވާ ހޯދިތާ ތިން މަސް ނުވާ މީހުންނަށްވެސް ހާލުބަލާ ޕޯޓަލް މެދުވެރިކޮށް ރަށަށދާން އެދެވޭނީ ހޯމް ކަރަންޓީން ވާ ގޮތަށް ކަމަށެވެ. އެކަމަކު އެފަދަ ފަރާތްތަކަށް ކޯވިޑުން ރަނގަޅުވުމުން ދޫކޮށްފައިވާ ލިޔުން ރަށަށް ގޮސް ކައުންސިލަށް ހުށަހެޅުމުން ކަރަންޓީން ވާން ނުޖެހޭނެ ގޮތް އެޗްއީއޯސީ އާއި ގުޅައިގެން ހަމަޖައްސައިދޭނެ ކަމަށެވެ.
މައުރޫފު ވިދާޅުވީ ހުރިހާ ކައުންސިލްތަކަކަކުންވެސް އަމަލު ކުރަން ޖެހޭނީ މި އުސޫލަށް ކަމަށެވެ.
ޑަބްލިއުއެޗްއޯއިން ކޮށްފައިވާ ދިރާސާތަކަށް ބަލައި އެޗްއީއޯސީން ކުރިން ބުނެފައިވަނީ ކޯވިޑުން ރަނގަޅުވާތާ ތިން މަސް ތެރޭގައި އަލުން ކޯވިޑަށް ޓެސްޓު ކުރާއިރު ޕޮސިޓިވް ކަމަށް ދެއްކިޔަސް އެއީ ދެވަނަ ފަހަރު ކޯވިޑަށް ޕޮސިޓިވްވި ކަމަށް ނުބަލާނެ ކަމަށެވެ. އެ މުއްދަތުގައި ޓެސްޓުގެ ސާމްޕަލަކުން ޕޮސިޓިވް ކަމަށް ދައްކަނީ ވައިރަސްގެ އަސަރު ހަށިގަނޑުގެ ތެރޭގައި ހުންނާތީ ކަމަށް ބުނެފައިވެ އެވެ.
އަތޮޅު ތެރޭގެ 21 ރަރެއްގައި ކޯވިޑަށް ޕޮސިޓިވް 73 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 69 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް