ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓްކްސް އިން ނެރުނު ތަފާސް ހިސާބުތަކުން ރާއްޖޭގެ ކުލީގެ ހާލަތު ވަރަށް ރަނގަޅަށް ސާފުކޮށް އެނގިއްޖެއެވެ. މާލޭގެ ގޭބީސީއެއްގެ އެވެރެޖް އާމްދަނީ އަކީ 14،150 ރުފިޔާއެވެ. އެވްރެޖް ކުއްޔަކީ 13،494 ރުފިޔާއެވެ. ކުލި ދައްކާފައި އެހެން ހުރިހާ ޚަރަދެއް ކުރަން މި އޮންނަނީ 658 ރުފިޔާއެވެ. މިއީ އެވްރެޖް އަދަދު ތަކެކެވެ. އެހެނަސް މިއަދަދުތަކުން މާލޭގެ ކުލީގެ ހާލަތު ވަރަށް ސާފުކޮށްއެނގެއެވެ. ހަގީގަތުގައި ކުއްޔަށް މާލޭގައި ދިރިއުޅޭ ފަރާތްތަކުން ދިރިއުޅެމުން މިދަނީ ކުލީގެ އަޅުވެތިކަމުގައެވެ.
ދިވެހި ބަހުގެ ރަދީފުގައިވާގޮތުން އަޅުވެތިކަމަކީ 'އަޅަކާ އެއްފަދަކަން ނުވަތަ އަޅެއްގެ ގޮތް ހުރިކަމެވެ. އަޅެއްގެ ތިން މާނައެއް ވެއެވެ. އެއީ 1. މީހަކަށް މިލްކުވެފައިވާ މީހާ. 2 މިނިވަންކަން ލިބިގެންނުވާމީހާ. 3 ނިކަމެތިކަމުގެ ގޮތުން "އަހަންނޭ" ބުނާބަސް، މި ތިން މާނައެވެ.
މިމާނަތަކަށް ވިސްނާލަމާ ހިނގާށެވެ. ލިބޭ ހުރިހާ އާމްދަނީއެއް ކުލީގެ ގޮތުގައި ދައްކާފައި ބާކީ 658 ރުފިޔާ އޮންނަ މީހާ އާއި ދޭތެރޭ ވިސްނަމާ ހިނގާށެވެ. އޭނާގެ ކަރަންޓްބިލް، ފެންބިލް، ފޯން ބިލް، ކޭބަލް ޓީވީ ބިލްވެސް މި ފައިސާ އިން ނުދެއްކޭނެއެވެ. އަދި ކެއުން ބުއިން ފަދަ އެންމެ ޒަރޫރީކަންތައް ކޮބާތޯއެވެ. އެހެންކަމުން އެފަދަ މީހެއްގެ މާލީ މިނިވަންކަމެއް ނެތެވެ. އޭނާއެކޭ އަޅެކޭ ހަމަ ތަފާތެއް ކޮބާހެއްޔެވެ. މޮޑަރން ސްލޭވަރީ އަކީ ކުރީގެ އަޅުވެތިކަމާއި ތަފާތު ކަމެކެވެ. އެހެންކަމުން ގްރޭޓަރމާލޭގައި ރައްޔިތުން އުޅެމުންމިދަނީ ކުލީގެ އަޅުވެތިކަމެއްގައެވެ. ލިބޭ ހުރިހާ ފައިސާ އެއް ލޭންޑްލޯޑަށް ދައްކައިގެންނެވެ.
ކުލީގެ އަޅުވެތިކަމާ ދެކޮޅަށް އަޑުއުފުލަން ޖެހޭ
ދިވެހި ސަރުކާރަށް ދިވެހި ރައްޔިތުން މިފަދަ ނިކަމެތި ހާލުގައި އުޅެމުންދާކަން ވަރަށް ސާފެވެ. އަދި ކޮންމެ އިންތިޚާބާ ދިމާކޮށް ރާއްޖޭގެ ހުރިހާ ޕާޓީތަކަށް މާބޮޑުތަނުން މިކަން ސާފެވެ. ހުރިހާ ޕާޓީއެއްގެ މެނިފެސްޓޯގަ މިވާހަކައޮވެއެވެ. އެހެނަސް މި މައްސަލަ އެކަށީގެންވާ ހައްލެއް ހޯދުމަށް އެއްވެސް ސަރުކާރަކުން މަސައްކަތެއް ނުކުރެއެވެ. ދައްކަނީ ދަޅައެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވަންޖެހެއެވެ. ދިވެހި ޒުވާނުން ސޯޝަލް މީޑިއާގައި މިވާހަކަތައް ދައްކަންޖެހެއެވެ. އެމީހެއް ތާއިދު ކުރާ ޕާޓީގެ ލީޑަރަށް ސަނާ ކިޔަން ތިބުމަކުން އަސްލު މައްސަލައަށް ހައްލެން ނާދެއެވެ. ވިސްނާލާށެވެ. މި އަޅުވެތި ދިރިއުޅުމުގައި ދިވެހި ޒުވާނުންނަށް އޮތީ ކޮން އުފަލެއް ހެއްޔެވެ. މަސް ނިމެންދެން ބުރަ މަސައްކަތްކޮށްފަ ލިބޭ މުސާރަކޮޅު އެއްކޮށް ކުއްޔަށް ދިނުމުން އެ ޒުވާނާ އަށް އޮތީ ކޮން ހިތްހަމަޖެހުމެއް އަރާމެއް ހެއްޔެވެ.
ފުދިއްޖެ، ދެން ބޭނުމީ އަމަލީ ސިފަ
މޮޅު ވާހަކަތަކާއި މެނިފެސްޓޯތައް ފެނިއްޖެއެވެ. ވައުދުތައް ވެއްޖެއެވެ. ތިޔަ ވާހަކަތަކުން މިހާރު ފުދިއްޖެއެވެ. ދެން މޮޅު ވާހަކަ ދެއްކުން ހުއްޓާލާށާވެ. އަމަލީ މަސައްކަތުން ދައްކާށެވެ. ދިވެހި ރައްޔިތުން މިފަދަ ނިކަމެތި ހާލެއްގައި ދިރިއުޅެން ދޫކޮށްލުމަކީ ކޮންފަދަ ބޮޑު އަނިޔާއެއްތޯއެވެ. ކުލީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުގެ ސީރިއަސްކަން ދައްކަން އެބަޖެހެއެވެ. ރައްޔިތުންނަށް ޖަވާބުދާރީވާން އެބަޖެހެއެވެ. ކުލީގެ އަޅުވެތިކަން ނިންމާ ރަށްވެހި ފަތިހަކަށް އަލިވިލެން އެބަޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް