ކުޅުދުއްފުށިން ކޭސްއެއް ނުފެންނަތާ ހަތަރު ދުވަސް، ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް

ކުޅުދުއްފުށީ ސިޓީން ކޯވިޑް-19 ގެ ކޭސްއެއް ނުފެންނަތާ ހަތަރު ދުވަސް ވެފައިވާއިރު ބަލި ފެތުރޭތޯ ބަލަން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި ...

22 Oct 2020 | 04:51

ކުޅުދުއްފުށީ ސިޓީން ކޯވިޑް-19 ގެ ކޭސްއެއް ނުފެންނަތާ ހަތަރު ދުވަސް ވެފައިވާއިރު ބަލި ފެތުރޭތޯ ބަލަން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކުޅުދުއްފުށީގައި ކޯވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް އެޗްއީއޯސީން ކަނޑައެޅީ މި މަހުގެ ހަ ވަނަ ދުވަހު އެ ރަށުން ޕޮސިޓިވްވި ފުލުހަކާއި ގުޅުން ހުރި ބަޔަކު ޕޮސިޓިވްވުމުންނެވެ. އެ ފުލުސް މީހާ އާއި ގުޅުން ހުރި މީހުން އެންމެ އުތުރުގެ ތިން އަތޮޅުން ފަސް ރަށަކުން ޕޮސިޓިވްވެފައިވެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ އަތޮޅު ތަކާއި ބެހޭ ބައިގެ ފަރާތުން ވާހަކަ ދައްކަވަމުން އަބްދުﷲ މައުރޫފް ވިދާޅުވީ އެންމެ ފަހުން ކޯވިޑަށް ކުޅުދުއްފުށިން ހަތަރު މީހަކު ޕޮސިޓިވްވީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުންގެ ތެރެއިން މީހަކު ޕޮސިޓިވްވެފައި ނުވާއިރު އެ ސިޓީގައި ނެގި ހުރިހާ ރެންޑަމް ސާމްޕަލްތަކެއް ނެގެޓިވް ވެފައިވާ ކަމަށެވެ.

ރެންޑަމް ސާމްޕަލްގެ ގޮތުގައި ކުޅުދުއްފުށިން 120 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގޭބިސީތަކުން 25 ސާމްޕަލް، ފިހާރަތަކުން 17 ސާމްޕަލް، ބޭންކާއި އެއާޕޯޓުން 13، ޓެކްސީތަކުން 11، އެރަށަށް ލަފާ ފުރާ ބޯޓު ފަހަރުތަކުން 10 ސާމްޕަލް އަދި ކެފޭ ރެސްޓޯރެންޓުތަކުން ނުވަ ސާމްޕަލްގެ އިތުރުން ބިދޭސީންގެ ތެރެއިން 35 ސާމްޕަލެވެ.

މައުރޫފް ވިދާޅުވީ ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވިޔަސް އަދި އިތުރަށް އެ ރަށް މޮނިޓާ ކުރާނެ ކަމަށެވެ. ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ރަށެއް ކަމުން ކޯވިޑް ކޭސްތައް ފެތުރިދާނެ ކަމަށް ބަލައި ފިޔަވަޅުތަކަށް އަދި ލުއި ނުދޭނެ ކަމަށެވެ.

މައުރޫފް ވިދާޅުވީ ކުޅުދުއްފުށި މޮނިޓަރިންއިން ނަގަން އަދި ނުނިންމާކަމަށާއި އާންމު ތަންތަނުގައި ކުޅުދުއްފުށީގައި މާސްކު އަޅަން ޖެހޭ ކަމަށެވެ. އަދި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރެއްވި އެވެ.

ޕޮސިޓިވްވި ފުލުސް މީހާ އާއި ކޮންޓެކްޓުވެގެން 100 އަށްވުރެ ގިނަ މީހުން ކުޅުދުއްފުއްޓާއި އުތުރުގެ ތިން އަތޮޅުގައި ކަރަންޓީންކޮށްފައި އެބަތިއްބެވެ. އޭގެ ތެރޭގައި ގިނައީ ފުލުހުންނާއި، ފުލުހުންނާއި ގުޅުން ހުރި މީހުންނެވެ.

އެ ކޭސްއާއި ގުޅިގެން ޕޮސިޓިވްވި މީހުން ތިބި ރަށްރަށުގެ ތެރޭގައި، ށ. މިލަންދޫ، ފޯކައިދޫ، އަދި ހއ. ދިއްދޫ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް