ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ރޭ އެފްސީ ޕޯޓޯއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ.
ސިޓީން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެފްސީ ޕޯޓޯއިންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ލުއިސް ޑިއާސްއެވެ. ނަމަވެސް މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގައި ފޯވާޑް ސާޖިއޯ އަގުއޭރޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ދެޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ސިޓީގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ 65 ވަނަ މިނެޓުގައި ލިކީ ގުންޑޮގާން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މި މެޗުގައި ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 73 ވަނަ މިނެޓުގައި ފެރަން ޓޯރޭސްއެވެ.
މި ގްރޫޕުގައި ހިމެނޭ އޮލިމްޕިއާކޮސް އާއި މާސޭ ރޭ ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އޮލިމްޕިއާކޮސްއެވެ.
ރޭގެ މި ނަތީޖާތަކާއި އެކު މި ގްރޫޕުގެ އެއްވަނަ ލިބެނީ ސިޓީއަށެވެ. އަދި ދެވަނަ ލިބެނީ އޮލިމްޕިއާކޮށްއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް