އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ މި ސަރަހައްދަށް ފަށާ ދަތުރުގައި ފުރަތަމަ މަންޒިލަކީ އިންޑިއާ ކަމާއި އެޖެންޑާގައިވަނީ ޗައިނާ ކަމުގައި ބޭރުގެ ނޫސްތަކުން ބުނެފިއެވެ.
މިކަމާއިގުޅޭގޮތުން ރިޕޯޓްކޮށްފައިވާ ހަބަރުތަކަށް ބަލާއިރު މައިކް ޕޮމްޕިއޯ އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް މާކް އެސްޕާގެ ފުރަތަމަ މަންޒިލަކީ އިންޑިއާއެވެ. އިންޑިއާގެ ނިއުދިއްލީގައި ޓޫ އޮން ޓޫ މަޝްވަރާ ބައްދަލުވުމެއް ކުރިއަށްގެންދާނެއެވެ.
މިއީ މި ދެ ގައުމުގެ މެދުގައި ކުރިއަށްގެންދެވޭ ޓޫ އޮން ޓޫގެ ތިންވަނަ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުން 2018ގައި އިންޑިއާގެ ނިއުދިއްލީގައި ބާއްވާފައިވާއިރު މިދިޔަ އަހަރު މި ބައްދަލުވުން ބާއްވާފައިވަނީ އެމެރިކާގެ ވޮޝިންޓަން ޑީސީގައެވެ.
މި ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ހާރިޖީ ވަޒީރާއި ސެކްރެޓަރީ އޮފް ޑިފެންސް ބައިވެރިވާއިރު އިންޑިއާގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވަނީ އިންޑިއާގެ ދާހިލީ ވަޒީރު ރަޖްނާތު ސިންގާއި ހާރިޖީ ވަޒީރު އެސް. ޖޭ ޝަންކަރެވެ.
މި މަޝްވަރާތަކުގައި، ޗައިނާ އަދި ރަޝިޔާއިން މި ސަރަހައްދުގައި އަތްގަދަ ކުރުމަށް ކުރާ މަސައްކަތްތާއި ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށް މަސްދަރުތައް ބުނެއެވެ. އަދި ހާއްސަ ގޮތެއްގައި ޗައިނާގެ ބާރު މި ސަރަހައްދުން ކަނޑުވާލުމަށް އިންޑިއާ އަދި އެމެރިކާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގައިވެސް މަސްދަރުތައް ބުނެއެވެ.
އިންޑިއާގެ ޒިޔާރަތަށްފަހު މައިކް ޕޮމްޕިއޯގެ ދެވަނަ މަންޒިލަކީ ސްރީ ލަންކާއެވެ. އަދި ސްރީ ލަންކާގައި ކުރިއަށްގެންދާ މަޝްވަރާތަކުގެ އެޖެންޑާއަކީވެސް ޗައިނާކަމުގައި ބެލެވެއެވެ.
އެއަށްފަހު މައިކް ޕޮމްޕިއޯގެ ތިންވަނަ މަންޒިލަކީ ރާއްޖެއެވެ. އޭނާ ރާއްޖެ ވަޑައިގަންނާނީ މި މަހުގެ 28ގައި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައިވެއެވެ. އަދި މައިކް ޕޮމްޕިއޯގެ މި ޒިޔާރަތުގައި ރައީސް ސޯލިހްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެ ކަމަށާއި އަދި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ ކަމުގައިވެސް ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް