މިސްރުގައި ދިން ހަމަލާއެއްގައި 54 ފުލުހަކު މަރުވެެއްޖެ

މިސްރުގައި އެގައުމުގެ ފުލުހުންނާއި ހަނގުރާމަވެރިންތަކަކާއި ދެމެދު ހިނގި ހަމަލާބަދަލުކުރުން ތަކެއްގައި 54 ފުލުހަކު މަރުވެފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. މި ހަމަލާތައް ބަދަލުކުރަންފަ...

22 Oct 2017 | 14:30

މިސްރުގައި އެގައުމުގެ ފުލުހުންނާއި ހަނގުރާމަވެރިންތަކަކާއި ދެމެދު ހިނގި ހަމަލާބަދަލުކުރުން ތަކެއްގައި 54 ފުލުހަކު މަރުވެފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

މި ހަމަލާތައް ބަދަލުކުރަންފަށާފައިވަނީ މިދިޔަ ހުކުރުދުވަހު އެގައުމުގެ ސަލާމަތީ ބާރުތަކުން ހަނގުރާމަވެރިންތަކެއް ހޯދުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއް ކުރިއަށްދަނިކޮށް، ފިލާތިބި ހަނގުރާމަވެރިންތަކެއް ފުލުހުންނަށް ހަމަލާދިނުމުންކަމަށް ނަން ހާމަ ނުކޮށް މީޑިޔާއަށް މައުލޫމާތުދިން އޮފިސިއަލުން ވަނީ ހާމަކޮށްފައެވެ. މަރުވި ފުލުހުންގެ ތެރޭގައި ބްރިގޭޑިޔަރ ޖެނެރަލްއެއްގެ އިތުރުން ކާނަލް އެއް ހިމެނޭކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެހެން ނަމަވެސް މިސްރުގެ ދާހިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިނގި ހަމަލާ ބަދަލުކުރުންތަކެއްގައި މަރުވެފައިވަނީ 16 ފުލުހުންކަމަށެވެ. އަދި މި ހަމަލާތަކުގައި 15 ހަނގުރާމަވެރިއެއް މަރުވެ ނުވަތަ ޒަހަމްވެފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާއިރު މިއީ ފަހުގެ ތާރީހެއްގައި މިފަދަ ހަމަލާއެއްގައި މިސްރުގެ އެންމެ ގިނަ ފުލުހުން މަރުވި ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް