އެޕަލް އައިފޯނު 10ގެ އެންމެ ތަފާތު އެއް ފީޗަރ އަކީ އެނިމޯޖީ ފީޗަރ އެވެ. ފޯނު ބޭނުންކުރާ މީހާގެ މޫޑު ހުންނަ ގޮތަކަށް އެނިމޭޝަން ތައްޔާރުކޮށްލެވޭ މި ފީޗަރ އަށް އެނިމޯޖީ ކިޔާފައިވާއިރު ޖަޕާނު ކުންފުންޏަކުން މިވަނީ މިކަމާއި ދެކޮޅަށް ދައުވާ ކުރަން ނިންމާފަ އެވެ.
ދައުވާ ކުރަން ނިންމާފައިވަނީ ޓޯކިޔޯއަށް ނިސްބަތްވާ އީ މޮންސްޓަރ ކުންފުނިންނެވެ. އެ ކުންފުނިން ބުނެފައިވަނީ އެނިމޯޖީ މި ބަހަކީ އެ ކުންފުނިން އެމެރިކާގައި ރަޖިސްޓްރީ ކޮށްފައިވާ ޓްރޭޑްމާކެއް ކަމަށެވެ. އަދި އެޕަލްއަށް އައިފޯނު އެކްސްގެ ފީޗަރ އަކަށް މި ނަން ކިޔުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ.
އެޕަލްއާއި ދެކޮޅަށް އީ މޮންސްޓަރ އިން ދައުވާ ކުރަނީ ކިހާ އަދަދެއްގެ ފައިސާއެއް ހޯދަންކަން ހާމަކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް އީ މޮންސްޓަރ އިން ބުނެފައިވަނީ އެނިމޯޖީ ނަމުގައި އެޕްލިކޭޝަނެއް އެޕަލް އައިޓިއުންސްގައި 2014 ވަނަ އަހަރުއްސުރެ ހިމަނާފައިވާއިރު މިކަމަކީ އެޕަލްއިން ގަސްތުގައި ކޮށްފައިވާ ކަމެކެވެ.
މި ދައުވާ އުފުލާފައިވާއިރު އެޕަލްއިން މި ޓްރޭޑްމާކް ގަންނަން އުޅުނު ކަމަށް ބައެއް ނޫސްތަކުގައި ބުނެފައި ވެ އެވެ. އަދި އެޕަލްއިން މިނަން ބޭނުންކުރަން ނިންމީ އީ މޮންސްޓަރއިން މި ޓްރޭޑްމާކު ނުވިއްކުމުން ކަމަށްވެސް ބުނެފައި ވެ އެވެ.
މީގެ އިތުރުން އެޕަލް އިންވެސް މިހާރުވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. އެއީ އީމޮންސްޓަރގެ ޓްރޭޑްމާކު ބާތިލް ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ. އެޕަލްއިން ބުނެފައިވަނީ އެނިމޯޖީ ނަމުގައި އީމޮންސްޓަރ އިން ވިޔަފާރިއެއް ނުހިންގާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް