އިމާމުންގެ ނަމޫނާ ހެދުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި ހަތީބުންނަށް ޚާއްޞަ ދިވެހިވަންތަ ހެދުމެއް ތައްޔާރުކުރުމުގެ ފުރަތަމަ މަރުޙަލާގެ ނަމޫނާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ދައްކާލައްވައިފިއެވެ.
ވަޒީރު ފޭސްބުކްގައި ޙިއްޞާކުރެއްވި ފޮޓޯތަކުން ފެންނަނީ މައިގަނޑު ގޮތެއްގައި މެރޫން ކުލައިގެ ހެދުމަކާއި ތާކިހަލެކެވެ. ނަމަވެސް އެއީ އެންމެ ފަހުގެ ކުލަތައް ނޫން ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. ހެދުމާއި ތާކިހަލުގެ ޑިޒައިނަށް ޚިޔާލު ނަގާފައިވަނީ މުންނާރާއި ހުކުރު މިސްކިތުގެ ހިރިގަލުގެ ފަންނުވެރިކަމާއި ތުނޑުކުނަލުގެ ޑިޒައިންތަކުންނެވެ.
މި ހެދުން ފަރުމާކުރުމުގެ ބޭނުމަކީ ދިވެހި ސަގާފަތާއި ތާރީޚު ދެމެހެއްޓުމާ އެކު ދީނީ ސަގާފަތުގެ ތެރެއަށް ބިދޭސީ އާދަކާދަ ވަނުން ހުއްޓުވުން ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ ހެދުން ފަރުމާކުރުމުގައި ބައްލަވަނީ ރާއްޖޭގެ އަސާރީ މަސައްކަތްތަކާއި ތާރީޚުން ފެންނަން އޮތް ދިވެހިވަންތަ އިސްލާމީ ޙަޟާރަތުގެ ބަހާތަކަށް ކަމަށެވެ.

"މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާ އެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް. އަދި ރާއްޖޭގެ ތާރީހާއި ސަގާފަތުގެ އަސަރު ހިމެނޭހެން" ވަޒީރު ވިދާޅުވެފައިވެއެވެ.
މިހާރު ކުރިއަށް ދަނީ ޑިޒައިންގެ ފުރަތަމަ މަރުޙަލާ ކަމަށް ވަޒީރު ވިދާޅުވެފައިވާ އިރު އުއްމީދަކީ އަންނަ ރަމަޟާން މަހަށް މި މަސައްކަތް ނިންމައި ތަންފީޒުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް