ރައީސް މުޢިއްޒު، މ. މުލަކުގައި - ފޮޓޯ: ރައީސް އޮފީސް
2026 ވަނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް އެކަށައަޅުއްވާނީ ޑިޖިޓަލައިޒްކުރުމުގެ
މަސައްކަތްތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން
ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. މުލަކު ރައްޔިތުންނާ
ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ސަރުކާރުން ހުށަހަޅުއްވަނީ، 2026 ވަނަ އަހަރާއި
2027 ވަނަ އަހަރާއި 2028 ވަނަ އަހަރުގެ ދެތިން މަސް ހިމެނޭ ގޮތަށް، މުޅި ރާއްޖޭގެ ހުރިހާ
ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ
ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން، ބައިވެރިވެގެން ކުރަންޖެހޭ ބޮޑު މަސައްކަތެއްކަން
އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަރައްޤީގެ ވާހަކަތައް ކުރިއަށްދާންޖެހޭނީ ދެފުށްފެންނަ
ގޮތަކަށް، ރައްޔިތުންގެ ބައިވެރިވުމާއެކުގައިކަން ފާހަގަކުރައްވައި، 20 އަހަރުގެ ތަރައްޤީގެ
މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގައިވެސް، ސީދާގޮތުންނާއި، ރައްޔިތުންގެ މަންދޫބުން
މެދުވެރިކޮށް، ރައްޔިތުން ޝާމިލުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ޕްލޭންގައި
އެކުލެވެނީ ރައްޔިތުން ބޭނުންވާ ތަރައްޤީކަން ކަށަވަރުކުރެއްވުމަށް، ޓީމްތައް ރަށްރަށަށް
ގޮސް، ޚިޔާލާއި މަޝްވަރާ ހޯއްދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ޕްލޭން
އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީވެސް، އަންނަ ކޮންމެ ސިޔާސީ ބަދަލަކާ ގުޅިގެން
ތަރައްޤީ އެކޮޅުކޮޅުން ޖެހުނަ ނުދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން
ކަށަވަރުކުރެއްވުމަށް، 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭނާ ގުޅޭ ޤާނޫނެއްވެސް އެކުލަވާލައްވަމުން
ގެންދަވާކަން އެމަނިކުފާނު ރޭގައި ހާމަކުރެއްވިއެވެ.
މި ސަރުކާރުގެ އަމާޒަކީ، ވަށާޖެހޭ ތަރައްޤީ އާއި ހަމަޖެހުން،
ދިވެހިރާއްޖޭގައި ޤާއިމުކުރެއްވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް