ރައީސް ސާލިޙް ހުންނެވީ ގާނޫނު އަސާސީ އާ ޚިލާފުވެވަޑައިގެންފަ: ޝިޔާމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުންނެވީ ގާނޫނު އަސާސީއާ ޚިލާފުވެވަޑައިގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޕީޕީއެމް އާ އަލަށް ގުޅުނު އާންމު މެމްބަރުންތަކ...

22 Sep 2020 | 13:57

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުންނެވީ ގާނޫނު އަސާސީއާ ޚިލާފުވެވަޑައިގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާ އަލަށް ގުޅުނު އާންމު މެމްބަރުންތަކެއް ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އިންޑިއާ އާއެކު ސަރުކާރުން މިއަދު ހަދަމުން އަންނަނީ ނުރައްކާތެރި އެއްބަސްވުންތަކެއް ކަމަށެވެ.

މިއީ ދިވެހީން ބޭނުންވާ އެއްބަސްވުންތަކެއް ނޫން ކަމަށާއި އެ އެއްބަސްވުންތައް ހެދިގެން އަދި ތަންފީޒުވެގެން ދަނީ ގާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޝިޔާމް ވިދާޅުވީ އިންޑިއާ އިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކެ ވަރަށް ބިރު ގަންނަ ކަމަށާއި އެއީ އިންޑިއާ އިން މި ގައުމު އަޅުވެތި ކުރަން ކުރާ މަސައްކަތާ ދެކޮޅަށް އެންމެ ބާރަށް އަޑު އުފުލައި މަސައްކަތް ކުރައްވާނީ ޔާމީން ކަމަށް ވާތީ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މި ފެންނަނީ 65 މެމްބަރުން އޮވެމެ، ގާނޫނު އަސާސީގައި މި ބުނާ ކަންތައްތަކަށް އެއްވެސް ވަރަކަށް ބަލާލުމެއް ނެތި މި ގައުމު ވިއްކަމުންދާތަން ކަމަށެވެ.

" އިންޑިއާގެ ރައްޔިތުންނާއި މައްސަލައެއް ނެތް. މައްސަލަ އުޅެނީ އިންޑިއާގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު އެމީހުންނަށް ފައިދާވާ ގޮތަށް ތަންފީޒު ކުރެވިގެން ދާތީ." ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން ކަންބޮޑުވަނީ "އެ ސިޔާސަތުތައް އެގޮތަށް ތަންފީޒު ކުރެވޭއިރު، ދިވެހީންގެ އެތައް ހައްގުތަކެއް ނިގުޅި، ރާއްޖޭގެ މިނިވަންކަން ވެސް ނިގުޅިގެންދާ ފަދަ ކަންކަން ކުރެވެމުންދާތީ" ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް