ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަޞްދީޤުކުރައްވައިފި

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު (ޤާނޫނު ނަންބަރު: 12/2016) އަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ މި ސެޕްޓެންބަރ...

22 Sep 2020 | 13:16

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު (ޤާނޫނު ނަންބަރު: 12/2016) އަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ މި ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވާ މައިގަނޑު މަޤްޞަދަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ޤާނޫނު ތަންފީޛުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށާއި، އެ ޤާނޫނުގައި އިތުރަށް ކަނޑައަޅަންޖެހޭ އިޖުރާޢަތްތައް ކަނޑައެޅުއްވުމެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ވަނީ މުހިންމު އިޞްލާޙުތަކެއް ގެނެސް ޤާނޫނުގެ ބައެއް މާއްދާތަކަށް އަކުރުތައް އިތުރުކޮށްފައެވެ. މި އިޞްލާޙުތަކުގެ ތެރޭގައި "ޖިނާޢީ ބޮޑު ކުށެއް" ކަމުގައި ބުނެފައިވާ ކުށްތަކުގެ ތެރެއަށް ރޭޕްކުރުމުގެ ކުށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް؛ އަދި ޓެކްސް ނެގުމާއިބެހޭ އިދާރީ ޤާނޫނުގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން 500,000 (ފަސް ލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށްތައް ވަނީ އިތުރުކޮށްފައެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއިއެކު، އެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް