ޔުނިވަރސިޓީ އޮފް ޕިޓްސްބަރގް މެޑިކަލް ސްކޫލަކުން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި މާގިނައިން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ އިހުސާސްތަކަށް ނުރަނގަޅު އަސަރު ފޯރައެވެ. ޙާއްޞަކޮށް މިކަމުގެ އަސަރު އެންމެ ބޮޑަށް ފޯރަނީ ޒުވާން އުމުރު ފުރައިގެ ކުދިންނަށެވެ.
އެގޮތުން މި ދިރާސާއިން ދައްކާ ގޮތުގައި ސޯޝަލް މީޑިއާގެ ސަބަބުން ޒުވާނުން ވަރަށް ބޮޑަށް ޑިޕްރެސްވެއެވެ. އެއީ ގިނަ ވަގުތު ސޯޝަލް މީޑިއާގައި ހޭދަ ކުރާތީއެވެ. އެގޮތުން "ކޮމްޕިއުޓަރސް އިން ހިއުމަން ބިހޭވިއަރ" އިން ދާދި ފަހުން ޝާއިއުކުރި ދިރާސާ ރިޕޯޓަކުން ވެސް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރާ މިންވަރާ ޑިޕްރެޝަނާ ގުޅުމެއްވާ ކަމަށް ދައްކާފައިވެއެވެ.
ޔުނިވަރސިޓީ އޮފް ޕިޓްސްބަރގްގެ ދިރާސާވެރިން ވަނީ އުމުރުން 19 އަހަރާ 32 އަހަރުގެ 2000 ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ދިރާސާއެއް ހަދާފައެވެ. މި ދިރާސާއިން އެ ބައިވެރިންގެ ޑިޕްރެޝަނާ އަދި އެންޒައެޓީގެ ނިޝާންތައް ހުރި މިންވަރު ބަލައި އެމީހުން ބޭނުންކުރާ ސޯޝަލް މީޑިއާގެ ވަސީލަތް ތަކުގެ އަދަދު ހޯދާފައި ވެއެވެ.
މި ދިރާސާއިން ހޯދުނުގޮތުގައި ބައިވެރިންގެ ތެރެއިން ސޯޝަލް މީޑީއާގެ ދެ ވަސީލަތް ނުވަތަ އެއަށްވުރެ މަދު ވަސީލަތް ތަކުގެ ބޭނުން ކުރާ މީހުންނަށް މިކަމުގެ ނުރައްކާ އާދަޔާ ޚިލާފަށް ބޮޑުކަމަށް ދައްކައެވެ. އެގޮތުން ފޭސްބުކް، ޓްވިޓަރ، އިންސްޓެގްރާމް، ޓަމްބްލަރ، ސްނެޕްޗެޓް އަދި ޕިންޓްރެސްޓް އެކަނި ބޭނުންކުރިކަމުގައި ވިޔަސް އެވެ.
ސޯޝަލް މީޑިއާގެ ގިނަ ވަސީލަތްތައް ދާއިމީ ގޮތެއްގައި ބޭނުން ކުރުމުން ޑިޕްރެޝަން ނުވަތަ އެންޒައެޓީ ޖެހޭނެކަމަށް ކަނޑައެޅިގެން މި ދިރާސާގެ ހޯދުންތަކުން ދައްކާފައި ނުވިނަމަވެސް އެ ބަލިތަކުގެ ނިޝާންތައް ބައިވެރިންގެ ކިބައިން ފެނިފައިވާ ކަމަށް ދައްކާފައިވެއެވެ.
މި ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ސޯޝަލް މީޑިއާ ތަކުގެ ގިނަ ވަސީލަތް ތަކުގެ ތެރޭ އުޅުމުން ޑިޕްރެޝަނާއި އެންޒައެޓީއަށް މަގު ފަހިވެއެވެ. އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގައި އަމިއްލަ ނަފުސަށާއި ސިކުނޑީގެ ހަމަޖެހުމަށް ފަރުވާތެރިވުމަށް މި ދިރާސާކުރެއްވި ފަރާތްތަކުން ނަސޭހަތްތެރި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް