ކޯވިޑް-19 ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު 100 އަށްވުރެ ދަށްވެއްޖެ އެވެ.
އެޗްޕީއޭއިން ރޭ އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކުގައި ބުނެފައިވަނީ ކޯވިޑް ޖެހިގެން މިހާރު ފަރުވާ ދެމުން ދަނީ 1،340 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 96 މީހުންނަށް ކަމަށެވެ.
އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަސް މީހަކަށް ފަރުވާ ދެމުން އެބަދެ އެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ތިން މީހުންނަށް ފަރުވާ ދެމުންދާ އިރު އެކަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި އެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 88 މީހުންނަށް ވޯޑުގައި ފަރުވާ ދެމުންދެ އެވެ.
އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީތަކުގެ ތެރެއިން މިވަގުތު ޕޮސިޓިވް މީހުންނަށް ފަރުވާ ދެމުން ދަނީ ގއ. ވިލިނގިލީ ފެސިލިޓީގައި އެވެ. އެ ފެސިލިޓީގައި ތިން މީހަކަށް ވޯޑުގައި ދަނީ ފަރުވާ ދެމުންނެވެ.
ޕޮސިޓިވް މީހުންގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި 692 މީހުން އެބަތިއްބެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 9،770 މީހުން ޕޮސިޓިވްވެފައިވާއިރު ބަލި ޖެހުނު 8،390 މީހުން ވަނީ ރަނގަޅުވެފައި އެވެ. އެއީ ބަލި ޖެހުނު 85 ޕަސެންޓު މީހުންނެވެ.
މި ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 34 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް