ސެރިއޭ: އިބްރާހިމޮވިޗްގެ ދެ ގޯޅައި އެކު މިލާން މޮޅުވެއްޖެ

އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި ބޮލޯނާ ބައްދަލު ކުރި މެޗު މިލާނުން ކާމިޔާބު ކޮށްފިއެވެ. މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާ އަކުންނެވެ. މި މެޗު ގިނަ އ...

22 Sep 2020 | 04:52

އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި ބޮލޯނާ ބައްދަލު ކުރި މެޗު މިލާނުން ކާމިޔާބު ކޮށްފިއެވެ.

މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާ އަކުންނެވެ.

މި މެޗު ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް މިލާނުން ކުޅުނުއިރު ފުރަތަމަ ހާފްގެ 35 ވަނަ މިނަޓްގައި މިލާނުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ތިއޯ ހެނާންޑޭޒް ނަގައިދިން ހުރަހަކުން ބޮލުން ކާމިޔާބު ކުރީ ތަޖުރިބާކާރު ފޯވާޑް ޒަލަޓަން އިބްރާހިމޮވިޗެވެ.

މެޗުގެ ފުރަތަަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން މިލާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގެ ފެށިގެން ވެސް މިލާނުން ރަނގަޅަށް ކުޅެމުން ދިޔައިރު، މެޗުގެ 50 ވަނަ މިނެޓުގައި އިބްރާހިމޮވިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިލާނަށް ލީޑު ފުޅާކޮށް ދީފައެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.

ރޭގެ މެޗުގައި ބޮލޯނާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވިނަނަމވެސް އެޓީމުން ވަނީ މިލާންގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާ ފޮނުވާލާފައެވެ. މި ދެ ހަމަލާވެސް މިލާންގެ ކީޕަރު ޑޮނަރުމާ ވަނީ މަތަ ކޮށްފައެވެ.

މި މެޗުން މޮޅުވެ މިލާން މިހާރު ތާވަލްގެ ތިންވަނާގައި އޮތްއިރު ބޮލޮގްނާ އޮތީ ތާވަލްގެ 17 ވަނާގައެވެ. ލީގުގައި ދެން ކުޅެން ޖެހޭ މެޗުގައި މިލާން ނިކުންނާނީ ކްރޮޓޯންއާއި ދެކޮޅަށެވެ. އަދި މި މެޗުން ބަލިވި ބޮލޯނާ ނިކުންނާނީ ޕާމާއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް