ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީންގައި ހުންނަ މީހާއަށް އެމަޖެންސީ ހާލަތެއް މެދުވެެރި ވެއްޖެ ނަމަ ވަކި ހުއްދައެއްގެ ދަށުން ބޭރަށް ނުކުތުމުގެ ހުއްދަ ދޭނެ ކަމަށް ހެލްތް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުން މިހެން ބުނެފައި މިވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ފަހު މާލެ ވަޑައިގެން ކަރަންޓީން މުއްދަތު ފުރިހަމަ ނުކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނަވާތީ އާންމުން ހިތްހަމަ ނުޖެހުން ފާޅު ކުރަން ފެށުމުންނެވެ. އެޗްއީއޯސީން ބުނީ ފޮރިން މިނިސްޓަރު އާންމު ތަނަށް ނުކުމެވަޑައިގެންނެވީ އެ ސެންޓަރުން ދޫކޮށްފައިވާ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.
ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ދައުލަތުގެ އިސް ފަރާތްތަކަށް ހާއްސަ ހުއްދައެއްގެ ދަށުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އޮފީސްތަކަށް ދިއުމުގެ ހުއްދަ ދޫކުރެވިފައިވާނެ ކަމަށެވެ. އަދި ހަމަ އެގޮތަށް އާންމު ފަރާތްތަކަށް އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ބޭރަށް ނުކުތުމުގެ ހުއްދަ ދޭނެ ކަމަށެވެ.
އެގޮތުން އާއިލާގެ މީހަކު މަރުވުން ފަދަ ކަމެއްގައި ޖަނާޒާގައި ބައިވެރިވުމަށް ކަރަންޓީންގައި ތިބޭ ހުރިހާ އެންމެންނަށްވެސް ބޭރަށް ނުކުތުމުގެ ހުއްދަ ދޭނެ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ އެމަޖެންސީ ހަލާތެއް ދިމާވިޔަސް ބޭރަށް ނުކުމެވޭނީ އެޗްޕީއޭއިން އެކަމަށް ރަސްމީކޮށް ހުއްދަ ދިނުމުން ކަމަށެވެ.
އެޗްޕީއޭގެ ގައިޑްލައިނުގައި ވާގޮތުން ކަރަންޓީން ވާން ޖެހެނީ ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅު ތެރޭގެ ރަށްރަށަށް ދާން ފަރާތްތަކުގެ އިތުރުން ހުރިހާ ރަށެއްގައިވެސް ޕޮސިޓިވްވާ މީހުންނާއި ޑައިރެކްޓު ކޮންޓެކްޓުވާ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް