ކޯވިޑް-19 އާއި ގުޅިގެން، އުމްރާގެ އަޅުކަން ހުއްޓުމަކަށް އައިސްފައިވާއިރު، އުމްރާގެ އަޅުކަމަށް ގައުމު ހުޅުވާލަން ނިންމަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމުގައި ސައޫދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން އެ މިނިސްޓްރީގެ މިނިސްޓަރު، މުހައްމަދު ސާލިހް ބެންޓެން ބުނެފައިވާގޮތުގައި އެންމެ ފުރަތަމަ މަރުހަލާގައި އުމްރާ ކުރުމުގެ ފުރުސަތު ހުޅުވާލާނީ އެ ގައުމުގެ ރައްޔިތުންނަށާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށެވެ. އަދި ފުރަތަމަ މަރުހަލާގައި އޮޕަރޭޓް ކުރާނީ ފުލް ކެޕޭސިޓީގެ 40 އިންސައްތަ ކަމަށާއި ދެވަމަ މަރުހަލާގައި 75 އިންސައްތައަށް އިތުރު ކުރުމަށްފަހު އެހެންގައުމުތަކަށް ހުޅުވާލާނީ ތިންވަނަ މަރުހަލާގައި ކަމުގައި އޭނާ ބުނެފައިވެއެވެ.
އުމްރާގެ ހިދުމަތް އަލުން ހުޅުވާލުމުގެ މަސައްކަތް ފަށާފައިވާއިރު 33 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސައޫދީ އަރަބިއްޔާގައި ކޯވިޑް-19 އަށް މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވެއެވެ. 4500 އަށްވުރެ ގިނަ މީހުން އެ ގައުމުން ކޯވިޑުގައި މަރުވެފައިވެއެވެ.
ޕީކުގައި ދުވާލަކު ހަތަރު ހާހަށްވުރެ ގިނަ މީހުންނަށް އެ ގައުމުގައި ކޯވިޑު ޖެހެމުންދިޔަ ނަމަވެސް މިހާރު އެ އަދަދު ހުރީ އެވްރެޖްކޮށް 500ގައި ހިފެހެއްޓިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް