ސިލްސިލާ ވާހަކަ: ޒާރާ - ތިރީސް ދެވަނަބައި

''ޒާރާ.....'' ދެވަނަފަހަރަށް ކަންފަތުގައި ފޯނު ޖައްސާލަމުން އިމްރާން ގޮވާލިއެވެ. ''ދާންވެގެން.....'' ޒާރާއަށް ބުނެވުނީ އެވަރަށެވެ. ގިސްލެވެން ފަށައިފިއެވެ. އިމްރާނަށް އޭނާ ރޮނީކަން އަންގާކަށް ބޭނުމެއް...

22 Sep 2020 | 02:23

''ޒާރާ.....'' ދެވަނަފަހަރަށް ކަންފަތުގައި ފޯނު ޖައްސާލަމުން އިމްރާން ގޮވާލިއެވެ.

''ދާންވެގެން.....'' ޒާރާއަށް ބުނެވުނީ އެވަރަށެވެ. ގިސްލެވެން ފަށައިފިއެވެ. އިމްރާނަށް އޭނާ ރޮނީކަން އަންގާކަށް ބޭނުމެއް ނޫނެވެ.

''ކީކޭ...... ދާންވެގެނޭ...؟ ބަލާދާންވީތަ...؟ '' އިމްރާން އަށް ޒާރާ ބުނި އެއްޗެއް ޔަގީން ނުވާތީ އިތުރަށް އޮޅުން ފިލުވާލަން ބޭނުންވިއެވެ.

''އާދޭ....'' ޒާރާ އެންމެ ކުރުކޮށް ބުނެވެން އޮތް ވަރަށް ބުނެފައި ފޯނު ކަނޑާލިއެވެ. ގެއިން މީހަކު ނިކުތުމުގެ ކުރިން އެތަނުންދާން އޭނާ ބޭނުމެވެ.

މާކަ ގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އިމްރާން އަތުވެއްޖެއެވެ. ޒާރާގެ ގާތަށް ސައިކަލު މަޑުކޮށްލިއެވެ. ޒާރާ ފަސްޖެހުނެވެ. އިމްރާން އާ އެކު ސައިކަލުގައި ދާންވީމައެވެ. އެހެންނަމަވެސް މިވަގުތު ބޭނުންވީ އަވަހަށް އެތަނުން ދުރަށްދާށެވެ. އެގެ ފެންނަ ހިސާބުގައި ހުންނަންވެސް ޒާރާ ބޭނުމެއްނޫނެވެ.

ހިތް ކުދިކުދިވެފައިވާ ހާލުގަވެސް އިންސާނާ ހިނިތުންވެއެވެ. ބޭރުފުށުން އުފާވެރިކަން ދައްކައެވެ. ހިތް ރޯލަރޯލާ އޮންނަ ހާލުގައިވެސް ލޮލުން ކަރުނަ އަޔަނުދީ ކެތްތެރިވަނީ ކިތައްމީހުން ހެއްޔެވެ. ޒާރާއަކީވެސް މިފަދަ މީހުންތެރެއިން އެކެކެވެ. އިސްޖަހާލައިގެންހުރި ޒާރާ މަސައްކަތްކުރަމުންދިޔައީ ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް އޮބަހައްޓާލެވޭތޯއެވެ. އަމިއްލަ އިހްސާސްތައް އެހެންމީހުނަށް ވަންހަނާ ކުރުމުގައި އޭނާ އެތައްފަހަރަކު ކާމިޔާބު ކޮށްފިއެވެ. ދެލޯމަރާލުމަށްފަހު އިމްރާންގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލަމުން ސައިކަލަށް އަރާ އިށީނުމާއެކު އަވަސްއަވަހާ އިމްރާންގެ ކޮނޑުން އަތް ނައްޓުވާލިއެވެ. ދެމީހުން ދޭތެރޭގައި އަދި އެކަކަށް އިށިނދެވޭހާ ޖާގަ އެބަހުއްޓެވެ. ޒާރާ އިނީ އެހާވެސް އިމްރާނާ ދުރުގައެވެ.

''ކީއްވެ މާ އަވަހަށް ގެއަށްތިދަނީ...... ބުނީމެއްނު ހަވީރުވީމައޭ ދާނީ.....؟'' އިމްރާން ސައިކަލު ދުއްވާލަމުން ސުވާލު ކޮށްލިއެވެ. ޖަވާބެއް ނުލިބުނެވެ. ކުރިމަތީގައި އިން ލޯގަނޑުން ޒާރާގެ މޫނަށް އިމްރާން ބަލާލިއެވެ. އިސްޖަހާލައިގެން އިން ޒާރާގެ ލޮލުން ކަރުނައިގެ އަސަރު ފެނުނުހެން އިމްރާނަށް ހީވިއެވެ. އަމިއްލަ ގެއާ ދުރަށްދާންޖެހޭތީ ވީގޮތެއްކަމަށް އިމްރާން ގަބޫލުކުރިއެވެ. ހިނިތުންވެވުނީ ޒާރާގެ ސާދާކަމާ ނިޔަނެތިކަން ހިތަށް އަރާފައެވެ.

އިމްރާން ކުރި ސުވާލަށް ޖަވާބު ދޭކަށް ޒާރާ ބޭނުމެއް ނުވިއެވެ. އެހެންނޫނަސް އޭނާ އިނީ ވާހަކަދެއްކޭ ވަރަށްވުރެ ދެރަވެފައެވެ. އިމްރާންގެ ގެއަށް އާދެވުމާއެކު ޒާރާ އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. ނަސީބު ރަނގަޅުކަމުން ސިޓިންރޫމްތެރެ އޮތީ ހުސްކޮށެވެ. ބަދިގެ ބައިގައި ހަސީނާ އަވަދިނެތި އުޅެނީ މެންދުރަށް ކެއްކުމުގެ މަސައްކަތުގައިހެން ހީވެއެވެ. ޒާރާ އަވަސްއަވަހާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. ގިސްލާ ރޮއެގަނެވުނީ ހިތަށް ލިބިފައިވާ ގިލަންވެރިކަމެއްގެ ސަބަބުންނެވެ. ބައެއްފަހަރު ރޯލުމުންވެސް ހިތަށް ހަމަޖެހުން ލިބެއެވެ. އަނެއްބައިފަހަރަށް ހިތަށް ހަމަޖެހުން ލިބެނީ ހިތް އެދޭ ކަމެއް ފުރިހަމަ ވުމުންނެވެ. ޒާރާއަށް ހިތްއެދޭ ކަމެއް ފުރިހަމަކުރުމުގެ ނަސީބު ލިބިފައިނުވާއިރު ހިތްއެދޭ ވަރަށް ރޯލުމުގެ ނަސީބުވެސް ލިބިފައެއް ނުވެއެވެ. އަބަދުވެސް އުޅެންޖެހެނީ އެހެންމީހުނަށް ކަރުނަތައް ފޮރުވުމުގައި ކާމިޔާބުވޭތޯއެވެ. ހިތް ކުދިކުދިވެފައި ވީ ނަމަވެސް އެހިތުގައި އަޅާވޭނަށްވެސް ކެތްކުރަންވީ އެކަނި މާ އެކަންޏެވެ. ރޯންވީވެސް އެކަންޏެވެ. ދިރިއުޅުމާދޭތެރޭ ޝަކުވާކުރަންވީވެސް އަމިއްލަ ނަފުސާއެވެ. އެވެސް އެކަނިމާ އެކަންޏެވެ. ރޯލުމަށްޓަކައި ބޯއަޅާލާނެ ކޮނޑެއް އިންތިހާއަށް ބޭނުން ނަމަވެސް އެނަސީބުވެސް ނެތެވެ.

ދަރިންނަށް ދިވާވާ ހިތްދަތިކަމުގެ ވަގުތުތަކުގައި އެ ހިތްދަތިކަމުގައި ހިތުގެ އަޑިން ބައިވެރިވާ ފަރާތަކީ ދަރިންގެ މައިން ބަފައިންނެވެ. ހާއްސަކޮށް ދަރިންގެ މަންމައެވެ. މައިވަންތަކަމުގެ ލޯބިން ދަރިންގެ ހިތުގައިވާ ހިތާމަތަކަށް ފަސްއަޅާ ފޮރުވާލަނީ ކިތައް މައިން ހެއްޔެވެ. އެހެންނަމަވެސް އެ ނަސީބުންވެސް ނިކަމެތި ޒާރާ ވަނީ މަހުރޫމްވެފައެވެ. މަންމަގެ އުނގުގައި އޮވެ ރޯލަން ޒާރާއަށް ދުވަހަކުވެސް ފުރުސަތެއް ނުލިބެއެވެ. ބަދަލުގައި މަންމަގެ ފަރާތުން ލިބުނީ ވޭނާ ކެކުޅުމެވެ. ނިމުމެއްނުވާ ހިތާމައެވެ. މަލާމާތާ ފުރައްސާރައެވެ. ޖެއްސުންކުރުމާ އަޅުވެތި ކުރުމެވެ. ވާނީވެސް އެހެންނެވެ. އެއީ ޒާރާގެ މަންމައެއް ނޫނެވެ. ދޮންމަންމައެވެ. މިވީ ކީއްހެއްޔެވެ. މިހާބޮޑު އޮޅުވާލުމެއް ޒާރާގެ ބައްޕަ އޮޅުވާލީ ކީއްވެހެއްޔެވެ. އެއީ މަންމަ ނޫންކަމަށްވަންޏާ ޒާރާއަކީ ކާކުގެ ދަރިއެއް ހެއްޔެވެ. ޒާރާގެ މަންމަ ކޮބައިހެއްޔެވެ. ބައްޕަ ޔަގީންނުވާކުދިން މުޖުތަމައުގަ އުޅޭވާހަކަ ޒާރާވެސް އަޑުއަހައެވެ. އެކަމަކު ހަމަގައިމުވެސް މަންމަ ޔަގީން ވާނެތާއެވެ. ޒާރާ އަށަގަންނާނީ ގައިމުވެސް ކޮންމެވެސް އަންހެނެއްގެ ބަނޑުގައި ކަން ޒާރާއަށް ޔަގީންވެއެވެ. އެ އަންހެންނަކީ ކާކުތޯ ބަލަން ޒާރާ ބޭނުމެވެ. އެ ސުވާލުގެ ޖަވާބު ދެވޭނެމީހަކީ ޒާރާގެ ބައްޕަކަމުގައި ޒާރާގެ ޒަމީޒު ބުނަމުންދިޔައެވެ. ފުރަތަމަ ފަހަރަށް ބައްޕަދެކެ ޒާރާއަށް ނުރުހުން ވެވުނެވެ. ޒާރާއަށް އެހާބޮޑު އޮޅުވާލުމެއް އޮޅުވާލީތީއެވެ. ޒާރާދެކެ ލޯބިވާ ހަމައެކަނީ މީހަކީ ބައްޕަކަމުގައި ޒާރާއަށް ގަބޫލުކުރެވުނު ކުރެވުން މިއަދު ގަބޫލެއް ނުކުރެވުނެވެ. އެބައްޕަވެސް ޒާރާ ހެދީ ދޮގެވެ. ތޭވީސް އަހަރުވަންދެން ޒާރާ ބެހެއްޓީ ކަނު އަނދިރިކަމުގެތެރޭގައެވެ. ކީއްވެ ހެއްޔެވެ. ޒާރާ ދެއަތުގެ އިނގިލިތައް ބޮލުގެ އިސްތަށިގަނޑު ތެރެއަށް ވައްދާލާ ބާރަށް ބޮލުގައި ހިފަހައްޓާލިއެވެ. ގިސްލާ ރޯން ފެށުނެވެ. ލޮލުން ފައިބަމުންދާ ކަރުނަތައް ފެންމާގަނޑުން ފައިބަމުންދާ ފެނާއެކުވެ އޮހެމުން ދިޔައެވެ.

ޒާރާ ފަހަތުން އައި އިމްރާނަށް ކޮޓަރިއާ ހަމައަށް އާދެވުނުއިރު ކޮޓަރި ދޮރު ހުރީ ތަޅުލާފައެވެ. އިމްރާން ހީކުރީ ޒާރާ އެއްޗިހި ބަދަލުކުރަންވެގެން ދޮރު ލެއްޕީކަމަށެވެ. އެތައް އިރެއް ވުމުންވެސް ޒާރާ ދޮރެއް ނުހުޅުވިއެވެ. އެހެންކަމުން އިމްރާން ނިންމީ ތަޅުދަނޑިން ކޮޓަރި ހުޅުވާށެވެ. ޒާރާގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނުމާ، ޒާރާގެ ލޮލުން ފެނުނު ކަރުނައިގެ ސަބަބުން ޒާރާ އަށް ކޮންމެވެސް ކަމެއް ވެއްޖެކަމުގައި އިމްރާންގެ ހިތް ބުނަމުން ދިޔައެވެ. ތަޅަށް ތަޅުދަނޑި ޖަހާފައި ދޮރު ހުޅުވާލިއެވެ. ހައިރާންކަމެއް ލިބުނީ ކޮޓަރިތެރޭގައި އެއްވެސް އަލިކަމެއް ނެތީމައެވެ. ލައިޓް ދިއްލަން އަތްހިއްލާލިވަގުތު ހުއްޓުން އެރިއެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަވަސް އަވަހަށް ލައިޓް ދިއްލާލިއެވެ. ޒާރާ ކޮޓަރިތެރެއަކު ނެތެވެ. ގިސްލުމުގެ އަޑު މަޑުމަޑުން އަންނަނީ ފާހާނަތެރެއިންކަން އިމްރާނަށް ޔަގީން ވިއެވެ. ފާހާނަ ދޮރު ކައިރިއަށް އިމްރާން ޖެހިލިއެވެ. ދޮރު ހުރީ ތަޅުލާފައެއް ނޫނެވެ. ދޮރު ހުޅުވަން އަތްގަނޑުގައި ހިފާލުމަށްފަހު އިމްރާން ވިސްނާލިއެވެ. ފާހާނާގައި ޒާރާ ހުއްޓާ އިމްރާން ދޮރުހުޅުވައިފިއްޔާ ޒާރާ ހިތްހަމަ ނުޖެހިދާނެތީ އެވެ. އޭނާއަށް އިމްރާން އާ ދޭތެރޭ އެހެންގޮތަކަށް ހީވެދާނެތީ އިމްރާން ކަންބޮޑުވިއެވެ. ޒާރާއަށް ވެފައިވީ ވައުދު އެންމެ ހިނދުކޮޅަކަށްވެސް އޭނާ ހަނދާން ނައްތައެއް ނުލާނެއެވެ.

ޒާރާގެ ރުއިން ހިނދެއް ހިނދަކަށް ގަދަވަމުންދިޔައެވެ. އެއަޑު ކޮޓަރިން ބޭރަށް އިވޭކަށް އިމްރާން ބޭނުމެއް ނޫނެވެ. ޒާރާ ހިތްހަމަ ނުޖެހުނަސް އިމްރާން ކުރަން އެއުޅެނީ ކުށެއް ނޫނެވެ. ޒާރާއަކީ އިމްރާންގެ ހަލާލު އަނބިމީހާއެވެ. ވީއިރު ފަސްޖެހެންވީ ކިއްވެހެއްޔެވެ. ކުޑަކޮށް ވިސްނާލުމަށްފަހު ކުއްލިއަކަށް އިމްރާން ފާހާނެ ދޮރު ހުޅުވާލިއެވެ. ޒާރާ ފެންމާގަނޑު ދަށުގައި ހުރެގެން ގިސްލާ ރޮނީއެވެ. ލައިގެން ހުރި ހެދުން ހަށިގަނޑުގައި ވަނީ ތަތްލަވާ ފައެވެ. ގިނައިރު އެގޮތަށް ތެމިގެން ހުރުމުންހެންހީވެއެވެ. ޒާރާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިފައިވެއެވެ. އެހެން ނޫނަސް ޒާރާއަކީ ފިންޏަށް ބަލި ކުއްޖެކެވެ. ޒާރާގެ ފަން އިސްތަށިގަޑު ފެނުން ތެމިފައިވާއިރު، ބައިބަޔަށް ދިގު ހަރުފަތަކެއްހެން ޒާރާގެ ދޮން މޫނާ ކަނދުރާމަތީ ފެތުރިފައިވެއެވެ. ޒާރާގެ ރީތިކަމުގެ ޖާދޫގައި އިމްރާން ޖެހިއްޖެއެވެ. އެ ރީތި ހަށިގަނޑަށް ބަލަން ހުރެވުނީ އެވެ. ހިނދުކޮޅުގެ ނާޒުކުކަންވެސް އެވަގުތު ސިނކުޑިއަށް ނުވިސްނުނު ކަހަލައެވެ.  ދޮރު ހުޅުވުނު އަޑާއެކު ޒާރާ އެނބުރިލިއެވެ. ފައި ކައްސާލިއެވެ. ހަށިގަނޑު ބެލެންސެއް ނުލުރެވުނެވެ. ކުއްލިއަކަށް ޒާރާ އަރިއަޅާލިއެވެ.

''ޒާރާ..............'' އިމްރާނަށް ބޭއިޚްތިޔާރުގައި ކުރިއަށް ޖެހިލެވުނެވެ. އެބާރުގަދަ ދެއަތުން ދިއްކޮށްލެވުނީ ވެއްޓެމުންދާ ޒާރާގެ ހަށިގަނޑުގެ ހިމާޔަތުގައެވެ.  ޒާރާގެ ނާޒުކު ހަށިގަނޑު އެއްވެސް ބާރެއްނެތި އިމްރާންގެ އަތްދަނޑިމައްޗަށް ތިރިވިއެވެ.


ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް