ސްޓާ ޕަލަސް އިން ދައްކަމުންދާ މަޝްހޫރު ޑްރާމާ ސިލްސިލާ "ކަސައުޓީ ޒިންދަގީ ކީ" ގެ ލީޑް އެކްޓަރު އަނޫރާގް ބާސޫގެ ރޯލް ކުޅެމުން އަންނަ ޕާތް ސަމްތާން ޝޯ ދޫކޮށްލާތީ އެ ރޯލަށް އެހެން މީހަކު ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަން ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކަސައުޓީގެ ޑައިރެކްޓަރު އެކްތާ ކަޕޫރު މިފަހަރު ބޭނުންވަނީ ދާއިރާއަށް އާ މޫނެއް ނޫނެވެ. އެއީ މިހާތަނަށް އެ ރޯލަށް މީހަކު ހޯދުމަށް ކަސައުޓީގެ ޕްރޮޑަކްޝަން ޓީމުން ވާހަކަ ދައްކާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޑްރާމާ ސީރީޒް ތަކުން މަޝްހޫރުކަން ހޯދާފައިވާ ތަޖުރިބާ ހުރި މީހުންނެވެ.
މިހާތަނަށް ވާހަކަ ދައްކާފައިވާ މީހުންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ދެ ތަރިންނަކީ ސްޓާ ޕްލަސްއިން މީގެ ކުރިން ދެއްކި މަޝްހޫރު ސިލްސިލާ "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" ގެލީޑް އެކްޓަރު ބަރުން ސޮބްތީ އެވެ. ދެވަނައަށް އެންމެ ބޮޑަށް މާޝްވަރާ ކުރެވެމުން ދަނީ "ހޭޓް ސްޓޯރީ4" ކުން ފެނިގެން ދިޔަ ކަރަން ވާހީ އާއި އެވެ.
މީގެ ތެރެއިން އެކްތާ އެންމެ ބޭޭނުން ވަނީ ބަރުން އަނޫރާގްގެ ރޯލު ކުޅޭށެވެ. އެ ދެ ތަރިންނަށް ބަލާއިރު ތަޖުރިބާ އަދި ކާމިޔާބު ތަރިއަކީވެސް ބަރުން އެވެ. އިތުރަށް ވާހަކަ މަޝްވަރާ ކުރަމުންދާ ތަރިންގެ ތެރޭގައި ރިތްވިކް ދަންޖާނީ އާއި ވަރުން ކަޕޫރު ހިމެނެ އެވެ.
އިންޑިއާގައި މުނިފޫހިފިލުވުމުގެ ދާއިރާގެ އޮންލައިން ޕޯލް ތަކުން ދައްކާގޮތުގައި އާންމުންގެ ތެރެއިން ގިނަ ބަޔަކުވެސް ބޭނުންވަނީ ކަސައުޓީގެ އަނޫރާގްގެ ރޯލަށް ބަރުން ސޮބްތީ ހަމަޖައްސާށެވެ. އެކަމަކު ބަރުން އަދި މީޑިއާގައި މި މަޝްވަރާ ތަކާއި ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
މިހާރު ކަސައުޓީގައި އަނޫރާގްގެ ރޯލުން ފެނިގެންދާ ޕާތް ޝޯ ދޫކޮށްލަނީ ސިއްހީ މައްސަލަތަކާއި އެހެން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިގެން ކަމަށް އޭނާ ބުނެފައިވެ އެވެ. އޭނާ ކަސައުޓީގެ ޝޫޓިންތަކުގައި އެންމެ ފަހުން ބައިވެރިވާނެ ދުވަހަކީ އަންނަ މަހުގެ 10 އަދި 11 ވަނަ ދުވަހެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޕާތު އޭނާގެ އެންމެ ފަހުގެ ނިންމުން ނިންމައި އެކަން ޕްރޮޑަކްޝަން ޓީމަށް އެންގުމުން އެކްތާ ދަނީ އަދިވެސް ޕާތް އެ ސިލްސިލާ ދޫކޮށް ނުލުމަށް އެދި އާދޭސް ކުރަމުންނެވެ.
ޕާތް އާއި އެކު ޕްރޭނާގެ ރޯލުން ފެނިގެންދާ އެރިކާ ފެނާންޑޭސް އެ ސިލްސިލާ ދޫކޮށްލާ އަޑު ފެތުރުނެވެ. އެކަމަކު އޭނާ ވަނީ ފަހުން އެކަން ދޮގުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް