އިންޑިއާގެ ޒުވާނުން ކުރަމުންދާ މުޒަހާރާގެ ތެރެއިން --
ސަރުކާރާއި ދެކޮޅަށް އިންޑިއާގެ ޒުވާނުން (ޖެންޒީން) ކުރަމުންދާ މުޒާހަރާތައް ހުއްޓާލާނީ އެމީހުންގެ ޑިމާންޑުތައް ފުރިހަމަ ކޮށްދިނުމުން ކަމަށް ބުނެ އެއްވުންތައް ވަރުގަދަ ކުރަން ފަށައިފި އެވެ.
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވައިލައި އެތައް ހާސް ދަރިވަރުންނެއް ވެރިރަށް ނިއު ދިއްލީގައި ކުރި ބޮޑު މުޒާހަރާ މިދިޔަ ހޯމަ ދުވަހު ފުލުހުން ކަރުނަ ގޭހާ ބާރުގެ ބޭނުންކޮށް ރޫޅައިލައިފައިވީ ނަމަވެސް އިއްޔެ ހެނދުނު މުޒާހަރާގެ ބައިވެރިން ހަމަ އެ ސަރަހައްދަށް އެއްވެ އިހުތިޖާޖު އަލުން ފެށި އެވެ. މި މުޒާހަރާ އެކި ސިފަސިފައިގަ ކުރިޔަށް ގެންދާތާ މިހާރު ދެ މަހެއްހާ ދުވަސް ވަނީ އެވެ.
ހޯމަ ދުވަހު މުޒާހަރާތައް ވަރުގަދަ ކުރުމާއި އެކު ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 180 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ. އޭގެ ތެރޭގައި އޮފިސަރުންވެސް ހިމެނެ އެވެ.
ޒުވާނުންގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަނީ މިފަހުން ސޯޝަލް މީޑިއާގައި އުފެދިގެން އައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ކިޔާ ސިޔާސީ ޕްރެޝާ ގްރޫޕުންނެވެ. އެ ގްރޫޕުގެ އިސް ލީޑަރު އަބީޖީތު ދިޕްކޭ ވަނީ ފުލުހުންނާއި އާންމުންނާ ހިނގި ކުރިމަތިލުންތަކާއި ގުޅިގެން މިނިސްޓަރު އިސްތިއުފާ ދެންދެން ފަހަތަށް ނުޖެހޭނެ ކަމަށް ބުނެފަ އެވެ.
އެމީހުން ބުނީ މީގެ ކުރިން ޖަންތަރް މަންތަރަށް ކިޔާ ދިއްލީގެ މައިދާނެއްގައި އެއްވެ ތިބެ ކުރި މުޒާހަރާތައް ފުޅާކޮށް މަޖިލީސް ދޮށަށް އެއްވުމަށް މަސައްކަތް ކުރުމުގެ ކުރިން ސަރުކާރުން މަޝްވަރާއަށް ދައުވަތު ދިން ކަމަށެވެ. ސަރުކާރު ފަރާތުން ހެލްތް މިނިސްޓަރު ޖޭ.ޕި. ނައްދާ 10 މިނެޓަށް އެމީހުންނާއި ބައްދަލު ކުރީ ހަތަރު ގަޑިއިރު ބޭތިއްބުމަށް ފަހު ކަމަށެވެ. ޒުވާނުން ސިފަ ކުރި ގޮތުގައި އެ ބައްދަލުވުމަކީ ބޭކާރު ވަގުތެކެވެ.
އެ 10 މިނެޓު ތެރޭގައި އެމީހުން ވަނީ ތިން ކަމަކަށް ސަރުކާރަށް ޑިމާންޑުކޮށްފައި އެވެ. އެއީ ޕްރަދާން ވަގުތުން އިސްތިއުފާ ދިނުމާއި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރި މަޝްހޫރު އެކްޓިވިސްޓް ސޯނަމް ވަންޗުކް ހޮސްޕިޓަލުން ދޫކޮށްލުމާއި އަމިއްލައަށް މަރުވި ދަރިވަރުންގެ ޢާއިލާތަކަށް ގާތްގަނޑަކަށް 10،5000 ޑޮލަރުގެ ބަދަލު ދިނުމެވެ.
ޒުވާނުން ސަރުކާރާއި ދެކޮޅަށް ތެދުވީ އިންޑިއާގައި ޑޮކްޓަރުކަން ކިޔަވާ ކުދިން ވަޒީފާގެ މައިދާނަށް ނުކުތުމުގެ ކުރިން ހަދާ ގައުމީ އިމްތިހާނުގެ ޓެސްޓު ޕޭޕަރު ލީކުވުމުން އެޑިއުކޭޝަން މިނިސްޓްރީ އިމްތިހާނު ކެންސަލް ކުރުމުންނެވެ. މި މައްސަލައިގަ އެތައް ހާސް ދަރިވަރުންގެ މުސްތަގުބަލާއި މެދު ސުވާލު އުފެދި އުފެދުނު ކަންބޮޑުވުންތަކުގައި 20 ށްވުރެ ގިނަ ދަރިވަރުން އަމިއްލައަށް މަރުވި އެވެ.
މި މުޒާހަރާތައް އިތުރަށް ފޯރި ގަދަވީ މިދިޔަ މަހު ވަންޗުކް އެމީހުންނާއި ގުޅި 21 ދުވަސް ވަންދެން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާ ކުރި ބަނޑުހައި ހޫނު ކަމުގެ ހަޅުތާލާއި ގުޅިގެންނެވެ. އޭނާގެ ސިއްހީ ހާލަތު ސީރިއަސްވާކަމަށް ޑޮކްޓަރުން ބުނާކަމުގެ އަޑުގަދަވާން ފެށުމުން ފުލުހުން ވަނީ ހައިކޯޓުން އަމުރެއް ހޯދައިގެން ޖަންތަރް މަންތަރަށް ގޮސް ވަންޗުކް ގަދަކަމުން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށް އެތަނުން ނުކުތުން މަނާކޮށްފައި އެވެ.
މި މުޒާހަރާތައް ކުރިޔަށް އޮތްތާވެސް އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެ އެވެ. އެއީ މަޖިލީހާ މޯދީގެ ގެކޮޅު ދޮށަށް އެއްވިއިރު އިދިކޮޅު ޕާޓީތަކުންވެސް މުޒާހަރާގައި ބައިވެރިވެފައިވާތީ އެވެ. އިއްޔެ އެ މުޒާހަރާތަކުން އިދިކޮޅު ލީޑަރު ރާހުލް ގާންދީ އާއި އިސް ލީޑަރުންތަކެއް ހައްޔަރުކޮށްފައިވެ އެވެ.
މިއީ މޯދީ ސަރުކާރަށް ކުރިމަތިވެދާނެ ގޮންޖެހުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަނީ ސޯޝަލް މީޑިއާގައި ޒުވާނުން ފާޅު ކުރަމުންދާ ޝުއޫރުތަކާއި ފެންނަ މަންޒަރުންނެވެ. އިންޑިއާ ޒުވާނުންނަށް އަވައްޓެރި ގައުމުތައް ކަމަށްވާ ސްރީލަންކާ، ނޭޕާލް އަދި ބަންގްލަދޭޝް ޒުވާނުން ހިތްވަރު ދެމުންދާއިރު އެމީހުން ބުނީ ކޮޅެއްގައި ޖައްސާފައި ނޫނީ މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޙަޔާތްނާމާ ލިޔުނު މަޝްހޫރު ލިޔުންތެރިޔާ ނިލަންޖަން މުކޯޕާދޭ ބުނީ ގިނަ ޢަދަދެއްގެ މީހުން މަގުމައްޗަށް ނުކުތުމަކީ މޯދީއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. 2014 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި މޯދީ އިހުތިޖާޖެއް ފިސާރި ބާރު ބޭނުންކޮށް ހުއްޓުވައިލެއްވުމަކީ އެ ކަމުގެ ސަބަބުން އެ މަނިކުފާނަށް ވޯޓު ލައި ދޭ އާބާދީއަށް އަސަރު ނުކުރާ ހައި ހިނދަކު ފަރުވާލެއް ބަހައްޓަވާ ކަމެއް ނޫން ކަމަށް މުކޯޕާދޭ ބުންޏެވެ.
ދަރިވަރުންގެ ފެންވަރުން ފެށުނު މި މުޒާހަރާ މިހާރު ވަނީ ޕްރޮފެޝަނަލުންނާއި ޢާއިލާތައް ވެސް ހިމެނޭ ގޮތަށް ފުޅާވެ ފާއިތުވި އަހަރުތަކުގައި މޯދީ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ޢާންމު ގޮންޖެހުމަކަށް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް