ނ. ކުޑަފަރީން މާލެއަށް އިތުރު ފަރުވާއަށް ގެނައި އުމުރުން 92 އަހަރުގެ މީހާ ފަހުން ކޯވިޑަށް ހެދި ދެ ޓެސްޓު ނެގެޓިވް ވެއްޖެ އެވެ.
އެމީހާ މާލެ ގެނެސް ހެދި ފުރަތަމަ ޓެސްޓު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވް ވެފައި އެވެ. އެހެންވެ އެމީހާގެ ކޮންޓެކްޓު ޓްރޭސިން ހެދުމަށް ކުޑަފަރީ މޮނިޓަރިންގެ ހާލަތަށްވެސް ގެނައެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެމީހާގެ ޓެސްޓުގެ ނަތީޖާ ކަށަވަރު ކުރުމަށް ދެވަނަ ފަހަރު ހެދި ޓެސްޓު ނެގެޓިވްވުމުން ތިން ވަނަ ފަހަރު ޓެސްޓު ކުރި އިރު އެ ޓެސްޓުގެ ނަތީޖާވެސް ނެގެޓިވް ވެފައިވާ ކަމަށެވެ. އެކަމަކު އެމީހާ ބަލާނީ ކޯވިޑަށް ޕޮސިޓިވްވި މީހެއްގެ ގޮތުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެވަނަ ޓެސްޓު ހެދީ ފުރަތަމަ ޓެސްޓު ހެދިތާ ފަސް ވަރަކަށް ދުވަސް ފަހުން ކަމަށެވެ. އެހެންކަމުން އެމީހާ ބަލިން ރަނގަޅުވެފައި ވުން ނުވަތަ ފުރަތަމަ ޓެސްޓުގެ ނަތީޖާ އޮޅިފައިވުން ފަދަ ގޮތެއް ފެވައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އެމީހާގެ ނަތީޖާ ނެގެޓިވް ވުމުން ހުޅުމާލޭ މެޑިކަލް ފެސިލިޓީން އައިޖީއެމްއެޗަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އެމީހާ ކަރަންޓީން މުއްދަތު ފުރިހަމަ ކުރާނެ ކަމަށް ވިދާޅުވި އެވެ.
އިއްޔެ ވަނީ ކުޑަކުދިންގެ ހިޔާއިން ކޯވިޑް ޕޮސިޓިވްވި ކުއްޖަކުވެސް ދެވަނަ ފަހަރަށް ޓެސްޓު ކުރި އިރު ނެގެޓިވްވެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 3،103 މީހުންނެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ދެމުންދަނީ 676 މީހުންނަށެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން 2،397 މީހަކު ވަނީ ރަނގަޅުވެފައި އެވެ. އަދި 15 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް