އަވަށްޓެރި އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވޭ ގޭދޮށު މަސް ޕްލާންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީގެ މަރަދޫ އަދި އަދި ހުޅުދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސް ޕްރޮސެސިންގ ޕްލާންޓްތަކުގެ ކޮންޓްރެކްޓް ސޮއި ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ވާޗުއަލްކޮށް މި ރަސްމިއްޔާތު ބާއްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުންނެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއަން ހައި ކޮމިޝަނަރު ސަންޖޭ ސުދީރުގެ އިތުރުން ދެ މުއައްސަސާގެ ސީނިއަރ އޮފިސަރުން ބައިވެރިވެފައިވެއެވެ.
ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓްގެ ދަށުން އައްޑު ސިޓީގެ ހިތަދޫ، މަރަދޫ އަދި ހުޅުދޫގައި ގާއިމް ކުރެވޭ ގޭދޮށު މަސް ޕްލާންޓްތަކުގެ އެމް.އޯ.ޔޫ ސޮއި ކުރެވިފައި ވަނީ 4 ޑިސެމްބަރު 2019 ގައެވެ. މީގެތެރެއިން ހިތަދޫގައި ގާއިމް ކުރެވޭ ޕްލާންޓްގެ ކޮންސްޓްރަކްޝަން ކޮންޓްރެކްޓް ސޮއި ކުރެވުމުގެ ރަސްމިއްޔާތު އައްޑޫ ސިޓީ ކައުންސިލް އިން ވަނީ މޭ 2020 ގައި ބާއްވާފައެވެ. މި މަޝްރޫއުތަކުގެ އިމްޕްލިމެންޓިން އޭޖެންސީއަކީ އައްޑޫ ސިޓީ ކައުންސިލެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައި ކޮމިޝަނަރ ސަންޖޭ ސުދީރު ފާހަގަ ކުރެއްވި ގޮތުގައި، މި މަޝްރޫއުގެ އެމް.އޯ.ޔޫ ސޮއި ކުރެވިފައި ވަނީ 4 ޑިސެމްބަރު 2019 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ ބައިވެރިވެވަޑައިގެން ބޭއްވުނު ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ގައެވެ. އަދި ސެޕްޓެމްބަރ 2019 ގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި އިންޑިއާގެ ގްރާންޓް ސްކީމްގެ ދަށުން ހިންގޭނޭ މިފަދަ މަޝްރޫއުތަކާއި މެދު ރައީސް ސޯލިހާއި ރައީސް ނަޝީދާއި އެކުގައި މަޝްވަރާކުރެވުނުކަން ހައި ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ ހުރިހާ މަޝްރޫއު ތަކުގެ މަސައްކަތައް ދެ ބޭފުޅުން ވެސް ގާތުން ބައްލަވަމުން ގެންދަވާކަންވެސް ހާމަކުރެއްވިއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި އިންޑިއާގެ ގްރާންޓްގެ ދަށުން ގާއިމްކުރެވެމުންދާ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް އެންފޯސްމެންޓް ސްޓަޑީޒް އެކެޑެމީ ފާހަގަކުރެއްވިއެވެ. ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ކަމުގައިވާ މި އެކެޑެމީ އަކީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބޮޑު މަޝްރޫއުއެވެ.
މި މަސް ޕްރޮސެސިން ޕްލާންޓް ތަކަކީ އިންޑިއާއާއި ދިވެހިރާއްޖެ ގުޅިގެން 85 މިލިއަން ރުފިޔާގެ ގްރާންޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 'ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް' މަޝްރޫއު ތަކުގެތެރެއިން ފުރަތަމަ މަޝްރޫއުއެވެ. މި ގްރާންޓްގެ ދަށުން ހިންގޭ އިތުރު މަޝްރޫއުތަކަކީ ދިވެހި ސަރުކާރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ހޮވާފައިވާ ސިއްހީ، ތައުލީމީ، ކުޅިވަރު، އަދި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަށް ކުރިއެރުވުން ފަދަ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކެކެވެ.
'ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް'ގެ މި މަޝްރޫއުތަކަކީ އިންޑިއާއާއި ދިވެހިރާއްޖޭގެ ދެމެދުގައިވާ ގާތް ގުޅުމުގެ އެންމެ މުހިންމު އެއް ބައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއުތަށް ހިންގަމުންދާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މިހެންކަމުން މިއީ އަތޮޅު، ރަށު އަދި ސިޓީ ކައުންސިލްތަކުގެ ޒިންމާތަކާއި ގާބިލުކަން އިތުރުވެ، ދިވެހި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށްވާ ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށް ވެވޭ އެހީތެރިކަމެއްކަމަށް އުންމީދުކުރެވެއެވެ.
އިންޑިއާއިން ގަބޫލުކުރާގޮތުގައި 'ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް' މަޝްރޫއުތަކަކީ އަވަށްޓެރި ގައުމުތަކާއި އިންޑިއާއާއި ދެމެދުގައިވާ ގުޅުން ބަދަހިކޮށް އިންޑިއާގެ ތަޖުރިބާ ހިއްސާކުރުމުގެ ނިޔަތުގައި ހިންގޭ މަޝްރޫއުތަކެކެވެ. މިގޮތުން، ދިވެހިރާއްޖެއަށް ފޯރުކޮށްދެވިފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުން އެދުމުން އިންޑިއާއިން ވަނީ އުފަލާއިއެކު އިޖާބަދީފައެވެ. އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' އަދި ރާއްޖޭގެ 'އިންޑީއާ ފަސްޓް' ޕޮލިސީގެ ދަށުން މިފަދަ ކަންކަމުގައި ރާއްޖެއަށް އެހީ ފޯރުކޮށްދީ ތަޖުރިބާ ހިއްސާ ކުރުމަކީ އިންޑިއާއަށް ލިބިގެންދާ އުފަލެކެވެ.
މި ދެ ގޭދޮށު މަސް ޕްރޮސެސިން ޕްލާންޓަކީ މިހިންގަމުންދާ ޖުލައި މަހުގެ ތެރޭގައި އިންޑިއާގެ ގްރާންޓް ސްކީމްގެ ދަށުން އިފްތިތާހުކުރެވުނު، ނުވަތަ ފުރިހަމަ ކުރެވުނު 4 ވަނަ އަދި 5 ވަނަ މަޝްރޫއުއެވެ. ކޮވިޑް-19 ގެ ސަބަބުން މެދުވެރި ވެފައިވާ ދަތިތަކާއި އެކުގައިވެސް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ރަށު އަދި ސިޓީ ކައުންސިލްތަކުން އިންޑިއާގެ ގްރާންޓްއެހީގެ ދަށުން ހިންގޭ ކުދި އަދި މެދުފަންތީގެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދާކަމީ ފާހަގަކޮށްލެވޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް