މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އައީ 560 ޓޫރިސްޓުން ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން ވައިގެ ބޯޑަރު ހުޅުވީ މިމަހުގެ 15 ވަނަ ދުވަހު އެވެ. މިއަދަކީ ބޯޑަރު ހުޅުވިތާ ހަފްތާއެއް ވީ ދުވަހެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލުމާތުތަކަށް ބަލާއިރު މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 87 ޓޫރިސްޓުންނެވެ.
ބޯޑަރު ހުޅުވިފަހުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ ފުރަތަމަ ހަތަރު ދުވަހު އެވެ. އެ ހަތަރު ދުވަހު 443 ޓޫރިސްޓަރު އައިސްފައިވާއިރު މިދިޔަ ތިން ދުވަސް ތެރޭގައި ރާއްޖެ އައިސްފައިވަނީ 117 ޓޫރިސްޓުންނެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާޏު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ރާއްޖެ އައި އެއްވެސް ޓޫރިސްޓެއްގެ ގައިން ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން ބަލީގެ އަލާމާތެއް ފެންނަ މީހަކު ނަމަ ރިސޯޓަށް ދެވޭނީ ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ. ނަތީޖާ ލިބެންދެން އެމީހުން ބޭތިއްބުމަށް ހަމަޖެހިފައިވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް