އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ކޮންމެ ހަތަރު މީހަކުން އެކަކަށް ކޯވިޑް-19 ޖެހިފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އިންޑިއާ އަކީ މިހާރު އެންމެ ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދާ އެއް ގައުމެވެ. އެ ގައުމުގައި އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
އިންޑިއާގެ މައި ސަރުކާރުގެ ހެލްތް މިނިސްޓްރީން ކުރި މި ދިރާސާގައި ހަދާފައިވަނީ އެންޓީ ބޮޑީ ޓެސްޓެވެ. އެގޮތުން ލޭގެ ސާމްޕަލް ނަގައި އެންޓީ ބޮޑީ ޓެސްޓު ހެދި 21،387 ލޭ ސާމްޕަލުން 23.48 ޕަސެންޓް މީހުންގެ ޓެސްޓު ޕޮސިޓިވްވެފައިވެ އެވެ.
ބަލި ޖެހިފައިވާ ގިނަ މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އާ ދިރާސާއާއެކު ދިއްލީން 4.65 މިލިއަން މީހުންނަށް ބަލި ޖެހިފައިވާކަމަށް ވަނީ ބެލެވިފަ އެވެ.
އާންމުކޮށް ކޮންމެ ދުވަހަކު ދިއްލީއިން 900 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެ އެވެ. ކުރިން އެ އަދަދު އުޅުނީ ދުވާލަކު 1،600 އިން މަތީގައި އެވެ.
ދިއްލީއަކީ އިންޑިއާގައި އެންމެ ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދާ އެއް ސިޓީ އެވެ. އެ ސިޓީގެ އާބާދީއަކީ 19.8 މިލިއަނެވެ.
މިހާތަނަށް އިންޑިއާގައި 1،155،388 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އޭގެ ތެރެއިން 28،082 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް