ދިރާގުގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތް ލ. މާވަށުގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ދިރާގުން ބުނީ، އެކުންފުނީގެ ފައިބަރ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި އަދި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމަނައިފަވަނީ ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށެވެ.
އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕްކޭޖެއްވެސް މިހާރު ލ. މާވަށުގެ ކަސްޓަމަރުންނަށްވެސް ތަޖުރިބާ ކޮށްލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގު ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދީ، ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓް ފޯރުކޮށްދިނުން ކަމަށެވެ.
ދިރާގުން ބުނީ، ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށާއި، ދިރާގު ޓީވީގެ ހުރިހާ ޗެނަލަކާއި އޮން-ޑިމާންޑްގެ ކޮންޓެންޓް ތައް އަގާއި ކޮލިޓީގެ އެއްވެސް ތަފާތެއްނެތި މިހާރު ލ. މާވަށުގެ ރައްޔިތުންނަށް ބަލާލެވޭނެ ކަމަށެވެ. 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ.
ދިރާގުގެ ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. .
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް