މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން، ޝިޕިން އޭޖެންޓުން ރަޖިސްޓްރީ ކުރުމަށް ހާއްސަ އޮންލައިން ޕޯޓަލްއެއް ތައާރަފްކޮށްފިއެވެ.
ޝިޕިންގ އެޖެންޓުން ގޮތުގައި ރަޖިސްޓަރކުރަން ބޭނުންވާ ފަރާތްތަކުން އެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.
ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު 16 ޖުލައި 2020ގައި ގެޒެޓް ކުރުމާއި ގުޅިގެން މިގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ޝިޕިންގ އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓަރީ ކުރުމަށްވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އެހެންކަމުން، އަންނަ އޯގަސްޓް މަހުގެ 16 އަށް މިމުއްދަތު ހަމަވާނެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނީ، 17 އޯގަސްޓުން ފެށިގެން އައު ގަވައިދާ އެއްގޮތަށް ޝިޕިން އެޖެންޓުން ނުވަތަ ފުރައިޓު ފޯވާޑަރުން އަމަލުކުރަމުން ގެންދޭތޯ އެ އޮތޯރިޓީއިން ބަލަމުން ގެންދާނެކަމަށެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތައް 10 ހާސް ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފައިވެއެވެ. އެ އޮތޯރިޓީއިން އިތުރަށް ބުނީ، ތަކުރާރުކޮށް ގަވައިދާ ހިލާފުވާނަމަ ފަރާތްތަކުގެ އެޖެންސީއަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރާނެކަމަށެވެ.
އަންނަ އޯގަސްޓް މަހުގެ 16ގެ ކުރިން ޝިޕިންގ އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ޓްރާންސްޕޯޓު އޮތޯރިޓީގައި ރަޖިސްޓަރ ކުރަންޖެހޭއިރު، މިކަމަށް ފަސޭހަކަމާއެކު އެދުމުގެ ފުރުސަތު އެއޮތޯރިޓީން ވަނީ ފަހިކޮށްދީފައެވެ.
އެގޮތުން eportal.mta.gov.mv މެދުވެރިކޮށް ޝިޕިން އެޖެންޓަކަށްވުމަށް ރަސްޖިސްޓްރީކުރުމަށް އެޕްލިކޭޝަން މިހާރު ހުށަހެޅޭނެކަމަށް ޓްރާންސްޕޯޓުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް