މަޝްހޫރު ޑިޒައިނަރެއް ފެނިއްޖެނަމަ ވަކިކުރަން އެނގޭނެތަ؟

ހުރިހާ ޑިޒައިނަރުންނަކީ އާންމުންގެ ތެރެއަށް ނިކުމެ މީޑިއާގައި އަބަދު ފޮޓޯ އާންމު ކުރާ ބަޔަކަށް ނުވެދާނެއެވެ. ދުނިޔޭގެ ނަން މަޝަހޫރު ބްރޭންޑްކުގެ ތަކެތި ބޭނުން ކުރަމުން އަންނަ އިރު، އެ އުފެއްދި ޑިޒައިނ...

22 Jul 2020 | 05:41

ހުރިހާ ޑިޒައިނަރުންނަކީ އާންމުންގެ ތެރެއަށް ނިކުމެ މީޑިއާގައި އަބަދު ފޮޓޯ އާންމު ކުރާ ބަޔަކަށް ނުވެދާނެއެވެ. ދުނިޔޭގެ ނަން މަޝަހޫރު ބްރޭންޑްކުގެ ތަކެތި ބޭނުން ކުރަމުން އަންނަ އިރު، އެ އުފެއްދި ޑިޒައިނަރު މަގެއްގެ މަތިން ފެނިއްޖެ ނަމަ ވަކި ކުރަން އެނގޭނެ ހެއްޔެވެ؟ ތިރީގައި ބަޔާންކޮށްފައި މިވާ ޑިޒައިނަރުންނަކީ ނަން ބުނެފިނަމަ އެނގޭން ނަމަވެސް ފެނިއްޖެ ނަމަ ވަކި ކުރަން އުނދަގޫ ޑިޒަނަރުންނެވެ.

މާކް ޖެކޮބް، 55 އަހަރު

ޖެކޮބް ވަނީ އުމުރުން އެންމެ 23 އަހަރުގައި ސްޕޮންސަރުންގެ އެހީގައި އޭނާގެ ފުރަތަމަ ޑިޒައިން ކަލެކްޝަން މާކް ޖެކޮބްގެ ނަމުގައި ނެރެފައެވެ. އަދި ޖެކޮބްގެ އުމުރުން 24 އަހަރުގައި އެންމެ ޒުވާން ޑިޒައިނަރުގެ ގޮތުގައި ކަނޑައަޅައި އެމެރިކާގެ ކައުންސިލް އޮފް ފެޝަން އިން ވަނީ އޭނާއަށް ޝަރަފުގެ އެވޯޑެއް ދީފައެވެ.  ޖެކޮބް ވަނީ 1994- 2014 ވަނަ އަހަރާއި ހަމައަށް މަޝްހޫރު ބްރޭންޑް ލުއި ވިޓޮންގެ ކްރިއޭޓިވް ޑިރެކްޓަރުގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. 2010 ވަނަ އަހަރު ޓައިމް މެގަޒިން އިން އާންމުކުރި ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭއިން 14 ވަނައިގައި ޖެކޮބް ހިމެނިފައިވެއެވެ.

ކްރިސްޓިއަން ލޫބިޓަން، އުމުރު 56

އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ކްރިސްޓިއަން އަކީ ޝެނެލް، އީވް ސަން ލޯރޮން އަދި  މޯޑް ފްރިޒަން އަށް ފައިވާނާއި ބޫޓު ޑިޒައިން ކުރަމުން އައި ހުނަރުވެރި ފްރީލޭންސް ޑިޒައިނަރެކެވެ. އުމުރުން 27 އަހަރުގައި ކްރިސްޓިއަން ވަނީ އޭނާގެ އަމިއްލަ ކުންފުނި ވުޖޫދަށް ގެނެސް ފުރަތަމަ ފިހާރަ ހުޅުވާފައެވެ. އޭގެ ފަހުން ޝާހީ އާއިލާގެ ބޭފުޅުންނަށާއި، ހޮލީވުޑްގައި މަސައްކަތް ކުރާ ތަރިންނަށް އޭނާވަނީ ބޫޓު ތައްޔާރުކޮށްދޭން ފަށައިފައެވެ. ކުޑަ ވަގުތުކޮޅެއް ތެރޭ ކްރިސްޓިއަން ވަނީ ދުނިޔޭނެ ނަން މަޝްހޫރު ޑިޒައިނަރުންގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ.  ކްރިސްޓިއަންގެ އެންމެ ފާހަގަކޮށްލެވޭ ބޫޓަކީ ރަތްކުލައިގެ ލެކުއާ ސޯލް ހީލް ބޫޓެވެ. އަމިއްލަ ވިޔަފާރީގެ އިތުރންވެސް ކްރިސްޓިއަން ވަނީ އެހެން އޮގަނައިޒޭސަންތަކާ އެއްބައިވެ، އެގްޒިބިޝަންތަކުގައި ބައިވެރިވެ އޭނާގެ ހުނަރު ދައްކާލައިފައެވެ. މިހާރު ކްރިސްޓިއަންގެ ބްރޭންޑުން އަންނަނީ ފިރިހެންނުންގެ ބޫޓާއި، އަތްދަބަސް، ސެންޓު އަދި މޭކްއަޕް ތައްޔާރު ކުރަމުންނެވެ.

މައިކަލް ކޯރސް، އުމުރު 59

ފަރާވަރުގައި ކޯރސް ވަނީ ހެދުން ޑިޒައިން ކުރަން ފަށައިފައެވެ. އަދި އޭނާ ޑިޒައިންކުރާ ހެދުންތައް ވިއްކީ ދިރިއުޅޭ ގޭގެ ބޭސްމަންޓުގައެވެ. އުމުރުން 17 އަހަރުގައި ކޯރސް ވަނީ ނިއުޔޯކުގެ ފެޝަން އިންސްޓިޓިއުޓަކަށް ތައުލިމު ހާސިލްކުރަން ފަށައިފައެވެ. ނަމަވެސް އޭގެ 9 މަސް ފަހުން އޭނާ ވަނީ އިންސްޓިޓިއުޓުން ވަކި ކޮށްފައެވެ. ކޯރސް އުމުރުން 18 އަހަރުގައި ފެޝަން ބުޓިކެއްގައި މަސައްކަތްކުރަން ފަށާފައިވެއެވެ. އަދި އެގެ 4 އަހަރުފަހުން ކޯރސް އަމިއްލަ ލެބަލެއް ހަދާ ޖިންސުއްލަތީފުންނަށް ހެދުން ޑިޒައިން ކުރަން ފަށާފައިވަނީ އެނާ މަސައްކަތްކުރި ބުޓިކުގައެވެ.

ޓޮމީ ހިލްފިގާ، އުމުރު 67

އުމުރުން އެންމެ 20 އަހަރުގައި ހިލްފިގާ ވަނީ އޭނާގެ ފުރަތަމަ ފިހާރަ ހުޅުވައިފައެވެ. ނަމަވެސް އޭގެ 5 އަހަރު ފަހުން އޭނާ ވަނީ ދަރަނިވެރިވުމުގެ ސަބަބުން ފިހާރަ ބަންދުކޯށްފައެވެ. އޭގެ ފަހުން ހިލްފިގާ ނިއުޔޯކަށް ދިރިއުޅުން ބަދަލުކޮށް ތަފަތު ބްރޭންޑްތަކުގެ ދަށުން ވަނީ މަސައްކަތްކޮށްފައެވެ. އެގެ އަހަރުތަކެއް ފަހުން، އުމުރުން 28 އަހަރުގައި އޭނާ ވަނީ ހެދުން ޑިޒައިން ކުރާ ކުންފުނި ޓޮމީ ހިލް އުފައްދައިފައެވެ. ފެޝަން ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ހިލްފިގާ ވަނީ އޭގެ 6 އަހަރު ފަހުން ސްޕޮންސަރުންގެ އެހީގައި ޓޮމީ ހިލް ފިގާ ކޯޕަރޭސަން އުފައްދައިފައެވެ. މިއަދު އެ ކޯޕަރޭޝަން އަކީ ދުނިޔޭގެ ނަން މަޝްހޫރު ފާހަގަކޮށްލެވެ ޑިޒައިން ކޮށްފައިވާ އަންނައުނު އުފައްދާ ކުންފުންޏެކެވެ.

މިއުޗާ ޕްރާޑާ، އުމުރު 69

މާރިއޯ ޕްރާޑާގެ އެންމެ ހަގު ކާފަ ދަރިފުޅު ވަނީ އުމުރުން 29 އަހަރުގައި އާއިލި ވިޔަފާރި ދަމަހައްޓާ، އަގު ބޮޑެތި އަދި ފެންވަރު ރަނގަޅު ޕްރޮޑަކްޓްތަކެއް އާންމުންނާއި ހަމައަށް ގެނެސްދީފައެވެ. މިއުޗާގެ ޒުވާން ދުވަސްވަރިގައި އޭނާ އުންމީދުކުރީ އިޓަލީގެ މިލާންގައި ހުންނަ ތިއޭޓަރެއްގައި މަސައްކަތްކުރުމަށެވެ. އަދި އެތަނުގައި އަހަރުތަކެއް ވަންދެން އޭނާގެ ހުނަރު ދިޔައީ ދައްކަމުންނެވެ. މިއުޗާ ފުރަތަމަ އޭނާގެ ޑިޒައިންތަކުގެ ކަލެކްޝަނެއް ރިލިޒްކޮށްފައިވަނި އުމުރުން 40 އަހަރުގައެވެ. އަދި އޭގެ 5 އަހަރު ފަހުން ފިރިހެނުންގެ ކަލެކްޝަނެއްވެސް އޭނާ ވަނީ ރިލީޒްކޮށްފައެވެ. 2014 ވަނަ އަހަރު ފޯބްސް މެގަޒިނުން ނެރުނު ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓުގައި މިއުޗާ ހިމެނިފައިވެއެވެ.

ޖިމީ ޗޫ، އުމުރު 70

ޗޫ އޭނާގެ ފުރަތަމަ ފައިވާން ޑިޒައިން ކޮށްފައިވަނީ އުމުރުން 11 އަހަރުގައެވެ. އޭނާ މެލޭޝިއާއިން އިންގިރޭސި ވިލާތަށް އައީ ލަންޑަނުގައި ހުންނަ ކޯޑްވެއިނާސް ޓެކްނިކަލް ކޮލެޖުގައި ކިޔެވުމަށެވެ. ކިޔަވާ ނިމުމުން ޗޫ ވަނީ ޑިޒައިން ކުރާ ކުންފުންޏެއްގައި މަސައްކަތް ކުރަން ފަށާ އޭނާގެ ފުރަތަމަ ފިހާރަ ހުޅުވައިފައެވެ. ޗޫގެ ޑިޒައިންތަކާއި ހުނަރު ދާދި އަވަހަށް ލަންޑަން ފެޝަން ވީކްއަށް ފާހަގަވެގެންދިޔައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ޗު ވަނީ ދުނިޔޭގެ ނަން މަޝްހޫރު ޑިޒައިނަރުންގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ.

ކެލްވިން ކްލެއިން، އުމުރު 76

ކެލްވިން ވަނީ އޭނާގެ ޒުވާން ދުވަސްވަރު ވަރަށް ގިނަ ފެޝަން ހައުސްތަކުގައި މަސައްކަތް ކޯށްފައެވެ. އުމުރުން 26 އަހަރުގައި އޭނާ ވަނީ އެކުވެރި ބެރީ ކޭ. ޝުވާޓްޒް އާއި ގުޅިގެން ކެލްވިން ކްލެއިން އިންކް އުފައްދައިފައެވެ. ފުރަތަމް އޭނާގެ ކުންފުނިން އުފައްދައިފައިވަނީ ފިރިހެނުންގެ އަންނައުނެވެ. ނަމަވެސް ފަހުން އެނާ ވަނީ އަންހެނުންނަށް ހާއްސަ ޑިޒައިން ހެދުން ޕްރޮޑަކްޓް ލައިންގައި ހިމަނާފައެވެ.

މޮނޮލޯ ބްލާނިކް، އުމުރު 76

މޮނޮލޯގެ ކެރިއަރު ފަށާފައި ވަނީ އޭނާގެ އުމުރުން 28 އަހަރުގައެވެ. އެއީ ލަންޑަނުގައި އޭނާ ވޯގް މެގަޒިނަށް ބޫޓާއި ފައިވާނާއި ގުޅޭގޮތުން ކޮލަމެއް ލިޔުނު ދުވަސްވަރުއެވެ. އުމުރުން 32 އަހަރުގައި މޮނޮލޯ ވަނީ ވޯގް ގައި ޝާއިއު ކުރި ދެވަނަ ފިރިހެނާއަށްވެ ދުނިޔޭގެ ތާރީހުގައި ނަން ފަވާލައިފައެވެ. އޭނާގެ ބޫޓުތަކަކީ ސެކްސް އެންޑް ދަ ސިޓީ ގެ ފަސްވަނަ ތަރީގެ ގޮތުގައި މީހުން ފާހަގަކޮށްފައިވެ ( އެ ސީރީޒްގައި އުޅުނު 4 އަންހެން ތަރިންގެ އިތުރަށް) އެވެ.

ކެންޒޯ ޓަކާޑާ، އުމުރު 80

ޓޯކްޔޯގެ ބަންކާ ފެޝަން ކޮލެޖުން ގްރެޖުއޭޓްވުމަށް ފަހު ކެންޒޯ ވަނީ ފްރާސްގެ ވެރި ރަށް ޕެރިހަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ޕެރިސްގައި މަސައްކަތްކުރާތާ 6 އަހަރު ފަހުން ކެންޒޯ ވަނީ އޭނާގެ ފުރަތަމަ އެގްޒިމިޝަން ވިވޭން ގެލެރީގައި ބާއްވައިފައެވެ. އަދި އޭނާގެ ޕްރޮޑަކްޓްތައް ދައްކާލަން ބޭނުން ކުރި މޮޑެލްއެއް ވަނީ އެލް މެޖަޒިންގެ ފުތަމަ ގަނޑުގައިވެސް ހިމެނިފައެވެ. އޭނާގެ ފުރަތަމަ ފިރިހެނުންގެ ކަލެކްޝަން ނެރެފައިވަނީ އުމުރުން 44 އަހަރުގައެވެ. އޭގެ 5 އަހަރު ފަހުން އޭނާ ވަނީ އަންހެނުންނަށް ހާއްސަ ކެންޒޯ ނަމަކަށް ކިޔާ ސެންޓެއްވެސް ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް