ކޯވިޑް-19 އަށް ރާއްޖެއިން ޕޮސިޓިވްވެފައިވާ މީހުންގެ އަދަދު އިއްޔެ 3،000 އިން މައްޗަށް ވަނީ އަރާފައި އެވެ.
ބަލި ދުނިޔެއިން ފެނުނީންސުރެ މި ބައްޔަކީ ރާއްޖެއިން ފެންނާނެ ބައްޔެއް ކަމަށް ސިއްހީ މާހިރުން ދިޔައީ ބުނަމުންނެވެ. އޭގައި އެންމެ ބޮޑަށް ސަމާލުވާންވީ ކަމަކީ ބަލި ޖެހޭ މީހުންގެ އަދަދަށް ނޫންކަމަށް ފެށުނީންސުރެ ދިޔައީ ބުނަމުންނެވެ.
މިދިޔަ މާޗްމަހުގެ ހަތް ވަނަ ދުވަހު ރާއްޖެއިން ބަލި ފެނި އޭގެ ފަހުން މާލެއިން އޭޕްރިލް 15 ގައި ބަލި ފެނުނު އިރު އެ ދުވަސްވަރު އެއް ދުވަހާއި ޕޮސިޓިވްވާ މީހުންގެ އަދަދު އުޅުނީ 100 އިން މަތީގައި އެވެ. މާލެ ލޮކްޑައުންކޮށް އެޅި ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެން މެއި މަސް ނިމެން ކައިރިވި އިރު ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުންގެ އަދަދު 50 އިން ތިރިވި ސިއްހީ މާހިރުންނަށް ހިންދެމިލެވޭވަރު ވި އެވެ.
ލޮކްޑައުނަށް މިމަހު ބޮޑެތި ލުއިތަކެއް ދޭން ފެށުމާއި އެކު އަނެއްކާވެސް ކޯވިޑްގެ ކޭސްތައް އިތުރުވާން މިވަނީ ފަަށާފައި އެވެ. މިހާރު ރާއްޖޭގައި ކޯވިޑަށް ފަރުވާދޭނެ ފުރިހަމަ އިންތިޒާމްތަކެއް ވަނީ ގާއިމް ކުރެވިފައި އެވެ. އެކަމަކު ވިސްނަން ޖެހޭ އެންމެ ބޮޑު ކަމަކީ އިންތިޒާމެއް ހަމަޖެހިފައި ހުއްޓަށް މި ބައްޔަކީ ބޭހެއް އަދި ވެކްސިނަކުން ފަރުވާ ދެވެން ނެތް ބައްޔެއް ކަމެވެ.
ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރު ވިޔަސް އެމީހުންނަށް ދޭނެ ވަކި ހާއްސަ ފަރުވާއެއް ނުވަތަ ބޭހެއް ޑޮކްޓަރުންނަށް ނޭނގެއެވެ. ރާއްޖޭގައި އާންމުކޮށް ކޯވިޑް ޖެހޭ އެންމެންނަކީ އެއްވެސް އަލާމާތެއް ނެތް މީހުންނަށް ވާތީ އައިސޮލޭޝަން ފެސިލިޓީތަކުގައި ބައިތިއްބައިގެން މާބޮޑު ފަރުވާ އަކާއި ނުލައި ވަނީ ރަނގަޅުވެފައި އެވެ.
އެކަމަކު މިފަހަކަށް އައިސް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ މީހުންނަށް ވުރެ ފަރުވާ ދެމުންދާ މީހުންނާއި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައި އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު ބައްޔަށް ޕޮސިޓިވްވެގެން 617 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 52 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
ބައްޔަށް ފަރުވާދޭން ތިބި ޑޮކްޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލި ޖެހޭ މީހުންގެ އަދަދަށްވުރެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވުމެވެ. މާލެއިން ބަލި ފެނުނުތާ ކުރީކޮޅު ގިނަ އަދަދެއްގެ ބަޔަކު ޕޮސިޓިވް ވިޔަސް ހޮސްޕިޓަލުއި ފަރުވާ ދީފައިވަނީ ވަރަށް މަދު ބަޔަކަށެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިހާރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ހުރިހާ އެންމެންނަކީ އުމުރުން ދުވަސްވީ މީހުންނާއި ކޯވިޑްގެ އިތުރުން އެހެން ބަލިތައް ހުރި މީހުންނެވެ. މި ބަލީގައި އެންމެ އަވަހަށް ނުރައްކާތެރި ހާލަތަކަށް ދަނީވެސް ދުވަސްވީ މީހުންނާއި އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ.
ރާއްޖެއިން އާންމުކޮށް ބަލި ޖެހެނީ ޒުވާން އުމުރުފުރާގެ މީހުންނަށް ވާއިރު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންނަކީ އެ އުމުރުފުރާތަކުގެ މީހުންގެ ފަރާތުން ބަލި ޖެހިފައިވާ މީހުންނެވެ. ހާއްސަކޮށް މިދުވަސްވަރު ދިވެހިންނަށް ބަލި ޖެހޭ މިންވަރު އިތުރުވެފައިވާއިރު ދިވެހިންނަށް ބަލި ޖެހުން އިތުރުވުމަކީ މި ބަލީގައި ރާއްޖޭގައި މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މިހާތަނަށް ރާއްޖެއިން 15 މީހަކު ކޯވިޑް ޖެހިގެން މަރުވެފައި އެވެ. އޭގެ ތެރޭގައި ހިމެނޭ ހުރިހާ އެންމެންނަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
މަރުވާ މީހުންގެ އަދަދަށް ބަލާލިޔަސް މި މަހުގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. މިމަހުގެ ތެރޭގައި ހަ މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ. އަދި މަރުވި މީހުންގެ ތެރެއިން 10 މީހުންނަކީ ދިވެހިންނެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ލޮކްޑައުންއަށް ލުއި ދިނީ އަބަދު އެގޮތުގައި ނުބޭއްވޭނެތީއެވެ. އަބަދުވެސް އިރުޝާދު ދެމުންދަނީ ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫލުމަށާއި، އިރުޝާދުތަކަށް ބޯލެނބުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް