ގަން އަދި ވިލިނގިލީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީ ހުޅުވައިފި

ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ލ. ގަން އަދި ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީ ރަސްމީކޮށް ހުޅުވައިފި އެވެ. ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑަށް ފަރުވާދޭ ފެސިލިޓީތައް ގާ...

22 Jul 2020 | 03:52

ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ލ. ގަން އަދި ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީ ރަސްމީކޮށް ހުޅުވައިފި އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑަށް ފަރުވާދޭ ފެސިލިޓީތައް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ ތެރެއިން ށ. ފުނަދޫ އާއި ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ފެސިލިޓީތަކުގެ މަސައްކަތް ނިންމާ މިދިޔަ ހަފްތާގައި ވަނީ ރަސްމީކޮށް އެތަންތަން ހުޅުވާފައި އެވެ.

ރޭ ރަސްމީކޮށް ހުޅުވި ގަމު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި ޖުމްލަ 57 އެނދު ހުރެ އެވެ. އެއީ 20 އައިސީޔޫ އެނދާއި 15 އައިސޮލޭޝަނަށް އެނދުގެ އިތުރުން ކަރަންޓީނު ކުރާ މީހުންނަށް ހާއްސަ 12 އެނދެވެ.

ވިލިނގިލީ ކޮވިޑް މެނޭޖްމަންޓް ސެންޓަރުގައި 23 އައިސީޔޫ އެނދާއި ވެންޓިލޭޓަރުގައި ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސައިފަ ވެއެވެ.

އަތޮޅު ތެރޭގައި ގާއިމް ކުރަމުންދާ ހުރިހާ ފެސިލިޓީތަކެއްގައި ކޯވިޑަށް ޓެސްޓު ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައި އެވެ.

އެކަމަކު އެ ތަންތަނުގައި ހިދުމަތްދޭނީ ކޯވިޑަށް ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވާނަމަ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. އެއީ ދެތިން މީހަކަށް ކޮންމެ ތަނެއްގައި ވަކިން ފަރުވާދޭން ޖެހުމަކީ ހަރަދު ބޮޑު ކަމަކަށް ވާނެތީ ކަމަށް ބުނެފައިވެ އެވެ.

މި ފެސިލިޓތަކުގައި ހިދުމަތް ދޭނީ އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށެވެ.

ރާއްޖެއިން މިހާތަނަށް 3،044 މީހަކު ބައްޔަށް ޕޮސިޓިވް ވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް