އިސްލާމްދީނުގެ އިލްމު ވަކިން ޚާއްސަކޮށް ކީރިތި ގުރުއާނުގެ މާނަ އާއި ތަފްސީރުގެ އިލްމު އުނގަންނައިދިނުމުގައި ދުނިޔޭގެ މަޝްހޫރު އިލްމުވެރިއެއްކަމަށްވާ ނުއޫމާން އަލީ ޚާން އަކީ ވަރަށް މަގުބޫލު އިލްމުވެރިއެކެވެ. މި ހާދިސާއަކީ 2014 ވަނަ އަހަރު އޭނާއަށްދިމާވި އާދަޔާ ޚިލާފު ހަގީގީ ހާދިސާއެކެވެ.
ނުއުމާން އަލީ ޚާން އަކީ ޕާކިސްތާން ދަރިކޮޅުގެ އެމެރިކާ ރައްޔިތެކެވެ. އާންމުއުސޫލެއްގެ މަތިން އެމެރިކާގެ މިސްކިތެއްގައި ހުކުރު ކުރުމުގެ ދައުވަތު ނުއުމާން އަށް ލިބިވަޑައިގަތެވެ. އެ ބޭފުޅާއަކީ އާންމުކޮށްވެސް އިމާމުވެ ހުކުރު ކުރެއްވުމަށް އެމެރިކާގެ އެކި މިސްކިތްތަކަށް ޒިޔާރަތްކުރައްވާ ބޭފުޅެކެވެ. އެހެނަސް މި ފަހަރު ދައުވަތު ލިބުނު މިސްކިތަށް ވަޑައިނުގަންނަވާތާ ތިން ހަތަރުއަހަރު ވެދާނެއެވެ. ކޮންމެއަކަސް އެ މިސްކިތުގައި 'ދުޢާ' އާއި ބެހޭގޮތުން ޚުތުބާއެއް ދެއްވާ ހުކުރުކުރައްވާ ނިންމަވާލެއްވިތަނާ މިސްރުގެ ޒުވާނަކު ނުއުމާން އާއި މުޚާތަބުކޮށް ބުންޏެވެ. " އަޅުގަނޑުގެ ދުއާ މިއަދު ﷲ އިޖާބަކުރައްވައިފި" އެވެ. ނުއުމާން ވިދާޅުވިއެވެ. ތިބާގެ ދުއާ އަކީ ކޮބާ ހެއްޔެވެ. އޭނާ ބުންޏެވެ. 'އަހަރެންގެ ދުއާ އަކީ ނުއުމާން އާއި ރޮބަރޓް ޑިވިލާ އާއި ބައްދަލުވުމަށެވެ." ނުއުމާން ވިދާޅުވިއެވެ. "ކަލޭތީ ރޮބަރޓް ޑިވިލާ ހެއްޔެވެ." އެ ޒުވާނާ ބުންޏެވެ. ނޫނެކެވެ. އަޅުގަނޑަކީ އޭނާގެ ރަހްމަތްތެރިޔާއެވެ. ރޮބަރޓް ޑިވިލާ އާއި ބައްދަލުކުރަން ނުއުމާން ވަޑައިގެންނެވިއެވެ.
ރޮބަރޓް ޑިވިލާ އަކީ ކާކު؟
ރޮބަރޓް ޑިވިލާ އަކީ ޒުވާން ދަނޑުވެރިއެކެވެ. އެހެނަސް ޖެނިޓިކް މައްސަލައެއްގެ ސަބަބުން ޒުވާން އުމުރުގައި ކަރުން ފެށިގެން ތިރި ވާގިނެތުނެވެ. އެހެންކަމުން އޭނާ އަށް މަޖުބޫރުވީ ނާސިން ހޯމެއްގައި އެދުމަތިވެގެން ދުވަސްތައް ހޭދަކުރުމަށެވެ. މިހެންކަންތައް ދިމާވެ ގިނަވަގުތު އެނދުގައި އޮށޯވެ އޮންނަންޖެހުމުން، ވާހަކަދައްކައިގެން އަޑު ބޭނުންކޮށްގެން އޮޕަރޭޓްކުރެވޭ ކަހަލަ ކޮމްޕިއުޓަރެއް އޭނާގެ އާއިލާއިން އޭނާ އަށް ގެނެސްދިނެވެ. ރޮބަރޓް އާ އެކީ އެއް ކޮޓަރިއެއްގައި އެހެން މީހަކު އޮތެވެ. އެ މީހާ އަކީ ލިވަރ ޓްރާންސްޕްލާންޓް ހެދުމަށް އެޑްމިޓްކޮށްފައި އޮތް މީހެކެވެ. ލިވަރ އެއް ދޭނެ މީހަކު ވުމުން އޭނާ އޮޕަރޭޝަން ތިއޭޓަރަށް ގެންދެވުނެވެ. ދަމުން ރޮބެޓް ވަރަށް މިސްވާނެ ވާހަކަ ބުންޏެވެ. އެހެނަސް އޮޕަރޭޝަން ތިއޭޓަރުގައި އެ ޒުވާނާ މަރުވީއެވެ. އެގޮތަށް ކަންތައް ދިމާވުމުން އެ މަރުވި ޒުވާނާގެ ދައްތައަކު ނުވަތަ ކޮއްކޮއަކު އެމަރުވި މީހާގެ ހަނދާނުގައި ރޮބަރޓަށް އޭނާގެ އެކުވެރިޔާ ގެންގުޅުނު ސަލީބެއް ހަދިޔާކުރިއެވެ. ރޮބެޓް މި ސަލީބު އޭނާގެ އެނދުކައިރީގައި އަޅުވާފައި ބޭއްވިއެވެ.
ރޮބަރޓްގެ އަޖައިބު ކުރުވަނިވި ހުވަފެން
އެއްރެއަކު ރޮބަރޓަށް ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ފެނުނު ބޭކަލަކު ވިދާޅުވިއެވެ. އަހަންނަކީ މުހައްމަދު(ސ.އ.ވ)ގެ ފާނެވެ. އަދި އެ ސަލީބަށް އިޝާރަތްކޮށް ވިދާޅުވިއެވެ. މާތް ﷲ ރަސޫލުން ފޮނުންވީ އެ ރަސޫލުންނަށް އަޅުކަންކުރުމަކަށް ނޫނެވެ. އެހެނެއްކަމަކު ރަސޫލުން ފޮނުންވީ ﷲ އަށް އަޅުކަން ކުރުމަށެވެ. އީސާ (އ.ވ.ސ) އަކީ އިންސާނެކެވެ. އޭނާ ބާޒާރުގައި ހިންގަވާއުޅުއްވިއެވެ. އަދި ކާބޯތަކެތި ފަރިއްކުޅުއްވިއެވެ. އެ ހިސާބުން ހުވަފެން ނިމުނީއެވެ.
އެ ހުވަފެން ފެނުމުން ރޮބަރްޓް މުހައްމަދު ( ސ.އ.ވ) އާއި ބެހޭގޮތުން އިންޓަނެޓުން މައުލޫމާތު ހޯދަންފެށިއެވެ. ﷲ އީ އެންމެ މަތިވެރި ރަސްކަލާގެ އެވެ. އެކަލާގެ އިރާދަކުރައްވާ މީހަކަށް ތެދު މަގު ދައްކަވަތެވެ. ރޮބަރޓަށް އިންޓަނެޓުން ލިބުނު ގިނަ މައުލޫމާތުތަކަށް ފަހު އިސްލާމްދީން ގަބޫލުކުރިއެވެ. ޝަހާދަތުގެ ދެކަލިމަ ކިޔެވެ. އަދި އިސްލާމްދީނުގެ އެކި އެކި މައުލޫމާތާއި ގުރުއާނާއި ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުވިއެވެ. އަދި ޗެޓް ގުރޫޕަކުން ދިމާވި މިސްރުގެ ޒުވާނެއްގެ އެހީތެރިކަމާއި އެކު އަލިފްބާގެ އަކުރުތައް ދަސްކުރިއެވެ. އަދި ގުރުއާން ކިޔަވަންވެސް ދަސްކުރިއެވެ. އަދި ދިހަ ސޫރަތް ހިތު ދަސްކުރިއެވެ. އަދި ގުރުއާނުގައި ވާ ސޫރަތްތަކުގެ ތަފްސީލް އެނގެން ބޭނުންވިއެވެ. އަދި ގޫގުލް ސާޗްކުރުމުން ދަނިކޮށް ޝެއިޚް ނުއުމާންގެ ވީޑިއޯތައް ފެނުނެވެ. އަދި ނުއުމާން ގެ ހުރިހާ ވީޑިއޯއެއް އޭނާ ބެލިއެވެ.
ރޮބަރޓާއި އޭނާގެ މިސްރު ރަހްމަތްތެރިޔާގެ ވާހަކަ
ރޮބަރޓް އޮތް ނާސިންހޯމްގެ މަރާމާތުގެ މަސައްކަތްކުރުމަށް މިސްރުގެ ޒުވާނަކު ދޭތެރެއަކުން އާދެއެވެ. މުސްލިމެއްގެ ގޮތުގައި އުފަންވީނަމަވެސް އޭނާ އަކީ ވަރަށް ދީނާއި ދުރުމީހެކެވެ. އޭނާ އުޅޭ ސަރަހައްދާއި މިސްކިތާއި ދުރުކަމުން ﷲ ހަނދުމަކުރުމަށް އޭނާ ދަނީ ކައިރީގައި ހުންނަ ކްރިސްޓިއަން ފައްޅިއަކަށެވެ. މިސްރުގެ އެ ޒުވާނާ އަށް އެއްދުވަހަކު ރޮބަރޓްގެ ކޮޓަރިން އަޑެއް އިވުނެވެ. އެއީ ސޫރަތުއް އަސްރުގެ އަޑެވެ. އޭނާ ސުވާލުކުރެއެވެ. ރޮބަރޓް ތި އަޑުއަހަނީ ކޯއްޗެއް ހެއްޔެވެ. ރޮބަރޓް ބުންޏެވެ. އަހަރެން އެއްޗެއް އަޑުއަހަނީކީ ނޫނެވެ. އެއީ އަހަރެންގެ އަޑެވެ. އޭނާ ހައިރާންވެފައި ސުވާލުކުރިއެވެ. ތިއީ މުސްލިމެއް ހެއްޔެވެ. ރޮބަރްޓް ބުންޏެވެ. އަހަންނަކީ މިހާރު މުސްލިމެކެވެ. މިސްރުގެ ޒުވާނާ ހައިރާންވެ އަންތަރީސްވިއެވެ. " ނާސިން ހޯމެއްގައި އޮތް މި ޒުވާނާ އަށް ﷲ ތެދުމަގު ދެއްކެވީ ކިހިނެއްބާވައެވެ؟ މީ ކްރިސްޓިއަން ދީނުގެ ފައްޅިތަކުން ފުރިގެންވާ ސަރަހައްދެކެވެ. އޭނާ އެނދުކައިރީގައި ވެސް އެ ވަނީ ސަލީބެކެވެ؟ މި ޒުވާނާ އަކީ އަމިއްލައަށް މާބޮޑު ހަރަކާތެއް ނުކުރެވޭ ބަލި ޒުވާނެކެވެ. އެހެނަސް އޭނާ އެ ބުނަނީ ﷲ އަށް އެނބުރި ރުޖޫއަވި ވާހަކައެވެ." މިސްރުގެ ޒުވާނާގެ ގާތުގައި ރޮބަރޓް ނުއުމާންގެ ވާހަކަ ބުންޏެވެ. އަދި ނުއުމާން ބައްދަލުވާނެނަމައޭ ހިތަށް އަރައޭ ވެސް ބުންޏެވެ. މިސްރުގެ ޒުވާނާ ބުންޏެވެ، "އަހަރެން ތިކަމަށް ދުއާ ކޮށްދޭނަމަވެ." ރޮބަރްޓް ދެ މީހުންގެ ވާހަކަތަކަށް ފަހު މިސްރުގެ ޒުވާނާ ވެސް ނުއުމާންގެ ވީޑިއޯތައް ބަލަން ފެށިއެވެ.
ފަސް އަހަރު ފަސް
ރޮބަރޓް އާއި ދެކެވުނު ވާހަކަތަކަށް ފަހު މިސްރުގެ ޒުވާނާ ފަސް އަހަރުވަންދެން ކޮންމެ ހުކުރަކު އެއްކަލަ މިސްކިތަށް ދެއެވެ. ރޮބަރޓްގެ ދުއާ އާއި މިސްރުގެ ޒުވާނާގެ ދުއާ ﷲ އިޖާބަކުރެއްވީއެވެ. ނުއުމާން ހުކުރު ކުރެއްވުމަށް މިސްރުގެ ޒުވާނާ ދާ މިސްކިތަށް ވަޑައިގެންނެވިއެވެ. ނުއުމާން ބައެއް މީހުންނާއި އެކު އެ ނާސިން ހޯމަށް ގޮސް ރޮބަރޓާއި ބައްދަލުކުރިއެވެ. އެކަމާ ރޮބަރްޓް އުފަލުން ފޮޅުނެވެ. އަދި ނުއުމާން ގުރުއާނުން ތަންކޮޅެއް ކިޔެވުމަށް ރޮބަރްޓްގެ ކިބައިން އެނދުނެވެ. އޭނާ ސޫރަތުއް އަސްރު ކިޔެވިއެވެ. އެ ކިޔެވުމުގެ އަޑު އިވި ނުއުމާން އާއި އެކުގައި ތިބި ހުރިހާ ބައިވެރިން ކަރުނައިން ތެންމާލިއެވެ.
އޭ ޒުވާނުންނޭވެ. ﷲ އީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ރަސްކަލާގެ އެވެ. ޚާލިސް ހިތަކުން އެ ކަލާގެ ހަޒްރަތަށް އެބުރި ރުޖޫއަވާށެވެ. ﷲ ކީރިތި ގުރުއާން ބާވާލެއްވީ ރީތި މިސްކިތެއްގައި ބާއްވާކަށް ނޫނެވެ. ނުވަތަ ކޮޓަރީގައި ބާއްވާކަށްވެސް ނޫނެވެ. އެއީ ތިބާއަށް ހުރި ހަމަޖެހުމެކެވެ. ތިބާ އަށް ތިބާދެކެ އެންމެ ލޯބިވާ ބައިވެރިޔާ ފޮނުވި ސިޓީއެއް ނުކިޔާނަށް ހެއްޔެވެ. ވަގުތު ފާއިތުވެ ނުދަނީސް އެކަލާގެ އަށް ރުޖޫއަ ވާށެވެ. މިއީ ހެޔޮކަން ބޮޑުވެގެންވާ ހައްޖުމަހުގެ ދުވަސްތަކެކެވެ. އެ ދިހަ ދުވަހާއި ބެހޭގޮތުން މާތްﷲ ހުވާ ވަހީކުރައްވާފައިވާ ދުވަސްތަކެވެ. މި ދުވަސްތަކުގައި ރޯދަ ހިފާ، ގިނަގިނައިން ގުރުއާން ކިޔަވާށެވެ. ޒިކުރު ކުރާށެވެ. ﷲ އަށް ޓަކައި ސަދަގާތްކުރާށެވެ. ސުންނަން ނަމާދު އިތުރުކުރާށެވެ. މި ނޫންވެސް ހެޔޮ އަމަލުތައް ގިނަ ކުރާށެވެ.
https://www.youtube.com/watch?v=Tq0q2h5XRoA&t=7s
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް