ކޯވިޑް-19 އަށް ވެކްސިނެއް އުފެއްދުމުން، އެ ވެކްސިނެއް އެންމެ އަވަހަށް ލިބޭ އެއް ގައުމަކަށް ރާއްޖެ ވާނެ ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ލ. ގަމާއި ގއ. ވިލިނގިލީގައި ގާއިމްކުރި ކޯވިޑް-19 މެނޭޖްމަންޓް ފެސިލިޓީ ހުޅުވުމަށް މިރޭ، ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިސް ނަގައިގެން ފެށި، ކޯލް ފޮރ އެކްޝަން ގައި ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭގައިވެސް ރާއްޖެ ހިމެނޭ ކަމަށާއި މި ބައްޔަށް ވެކްސިނެއް އުފެއްދިއްޖެއްޔާ ރާއްޖެއަށް އެންމެ އަވަހަށް ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަކި ވަގުތަކަށް މަޑުކުރުމެއްނެތި ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖެއަށް މާ ފަސޭހައިން މި ބަލީގެ ހާލަތުން އަރައިގަނެވޭނެ ކަމަށާއި އެހެން ގައުމުތަކާ އަޅާ ބަލާއިރު މި ބައްޔަށް ރާއްޖެއިން ތައްޔާރުވެފައިވާލެއްވެސް ރަނގަޅު ކަމަށެވެ. އަދި ދިވެހިންނަކީ ހޭލުންތެރި ބަޔަކަށް ވާތީ އެއީވެސް ރާއްޖެއަށް ފަހި ފުރުސަތެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް