މިއަދުގެ މުޒާހަރާ ފުލުހުން ރޫޅާލުމުން މެމްބަރުން ހިތްހަމަ ނުޖެހިއްްޖެ

މަޖިލީސް ކައިރީ ވައަތު ފިޔައިގެ ސިޔާސީ ހަރަކާތް “ނަވާނަވައި” އިން މުޒާހަރާ ކުރަން ފެށުމުން ފުލުހުން ރޫޅާލައި ދުރައްޖެއްސި މައްސަލައިގަ މަޖިލީސް މެންބަރުން ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ. މަޖިލީސް ކ...

22 Jun 2020 | 16:08

މަޖިލީސް ކައިރީ ވައަތު ފިޔައިގެ ސިޔާސީ ހަރަކާތް “ނަވާނަވައި” އިން މުޒާހަރާ ކުރަން ފެށުމުން ފުލުހުން ރޫޅާލައި ދުރައްޖެއްސި މައްސަލައިގަ މަޖިލީސް މެންބަރުން ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

މަޖިލީސް ކައިރިއަށް އެއްވީ ކޯވިޑް-19 ގެ މިދަނޑިވަޅުގައި އާސީ މްދަނީއެއް ނުލިބި ގިނަ ރައްޔިތުންތަކެއް ހާލުގައި ޖެހިފައިވާއިރު އެއްވެސް މަސައްކަތެއް ނުކޮށް މަޖިލީސް މެމްބަރުން ސިޔާސަކަރާތް ޖަހަން ތިބޭތަން ބެލެން ނެތް ކަމަށް ބުނެ އެވެ. މި މުޒާހަރާ ކުރަނީ އާމްދަނީއެއް ހޯދައިދޭނެ ކަމަށް ބުނާތާ ދެ މަސްވީއިރުވެސް މަސައްކަތްތެރިންނަށް އެހީތެރިކަމެއް ނުދީ ތިބޭތީ ޖަވާބުދާރީ ކުރުވަން ކަމަށެވެ.

މި އެއްވުން ރޫޅާލުމުން ހިތްހަމަޖެހިވަޑައި ނުގަތް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ލޮކްޑައުން ނޫން ހާލަތްތަކުގައި އެއްވެއުޅުމުގެ ހުއްދަ ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހުއްދަ ދޭން ވާނީ ގައިދުރުކުރުމާއި މާސްކު އެޅުން ފަދަ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ލިބެން ޖެހޭނެ އެއްޗެއް ކަމަށާއި އެއްވުން ހުއްޓުވުމުގެ ބަދަލުގައި ރައްކާތެރި ގޮތަކަށް އެއްވާނެ ގޮތުގެ އުސޫލެއް ކަނޑައަޅައި ފުލުހުން އެ ފުރުސަތު ދިން ނަމަ މާ ރަނގަޅުވީސް ކަމަށެވެެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ އޭރުވެސް މިހާރުވެސް ހިޔާލުފާޅު ކުރަން ހުރަސް އެޅުމާއި ދެކޮޅު ކަމަށެވެ. ބާރުގެ ބޭނުން ކުރަންޖެހޭނީ ބާރުގެ ބޭނުން ހިފަންޖެހޭ ހާލަތު އުފެދިފަ އޮންނަ ހާލަތުގަ އެކަނި ކަމަށް ސިރާޖު ވިދާޅުވި އެވެ.

މުޒާހަރާ ފުލުހުން ރޫޅާލުމާއި ގުޅިގެން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި މުޒާހަރާ ކުރުމުގެ ފުރުސަތު މިދިޔަ އަހަރު ދީފައިވާ ކަމަށެވެ. އެހެން ކަމުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަމަހަމަކަމާއި އެކު ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ލޮކްޑައުން ނިމުމުން ގައިޑްލައިނާ އެއްގޮތަށް މުޒާހަރާ ކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށް މެމްބަރުން ވިދާޅުވި އިރު މާލޭ ސިޓީގެ ލޮކްޑައުން އަދި އުވައެއް ނުލައެވެ. އަދި ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އުވައެއް ނުލަ އެވެ.

ފުލުހުން މުޒާހަރާ ރޫޅާލައި އެއްވި މީހުން ފޮނުވާލީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މުޒާހަރާ ނުކުރެވޭނެ ކަމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި ބުނެފައިވާތީ އެވެ. ފުލުހުން ބުނެފައިވަނީ ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެކަކު އާންމުންގެ ސިއްހީ ރައްކާތެރިކަން އިސްކުރަން އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް