މަރުވެފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ގާނޫނަކުން ބާރު ދީގެން އުފެއްދި ރިޔާސީ ކޮމިޝަނަކީ ދައުލަތް ލޫޓުވަން ހެދި ތަނެއް ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އިބްރާހިމް ހަލީލް ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކޮމިޝަނުން ކުރަމުންދިޔަ މަސައްކަތްތައް އިތުރަށް ކުރެވެން ނެތް ކަމަށް ބުނެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވި އެވެ. އަދި މައްސަލަތައް ތަހުގީގު ކުރުން ހުއްޓާލީ އެ ކޮމިޝަނުން އެކުލަވާލި ދެ ޑްރާފްޓު ރިޕޯޓެއް އާންމުވުމާއި ގުޅިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ހަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑެތި މަރުތައް ތަހުގީގު ކުރުމަށް ހުރަސް އަޅާކަމަށް ބުނެ އެ މަރުތަކުގެ ޒިންމާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުން އެޅުވީ އޭރުގެ ސަރުކާރުގެ ވެރިންގެ ބޮލުގައި ކަމަށެވެ. އެކަމަކު މިއަދު ރައްޔިތުން ހުރިހާ އާރަކާއި ބާރު އޭރުގެ އިދިކޮޅު ފަރާތްތަކަށް ދިނުމުން ވެރިކަމަށް އަރައި ތިބެ އެ މަރުތަކުގެ ހަގީގަތް ނުހޯދުމަށް ހުއްޖަތެއް ނުދެއްކޭނެ ކަމަށެވެ.
ހަލީލް ވިދާޅުވީ އެ މަރުތަކުގެ ހަގީގަތް ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއްކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ.
އިތުރަށް ވިދާޅުވެފައިވަނީ މަރު ކޮމިޝަން މަރަށް ތެޅެމުންދާއިރު މަރުތަކުގެ ހަގީގަތް ހޯދިފައި ނުވާ ކަމަށެވެ. މިކަމުން ހާމަވަނީ މަރު ކޮމިޝަނަކީ ރައްޔިތުން ގުނބޯ ހެއްދޭނެ ކަމަށް ބަލައިގެން "ހެޔޮ ނިޔަތުގައި" ދައުލަތް ލޫޓުވަން ހެދި ތަނެއް ކަމަށެވެ.
މަރު ކޮމިޝަނުގެ މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް ނަޝީދު ވިދާޅުވި އިރު މައްސަލަތަކުގެ ތަހުގީގު މިހާތަނަށް ނިމިފައެއް ނުވެ އެވެ.
އެ ކޮމިޝަނުން ތަހުގީގު ފެށި މުހިންމު މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ އާއި ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި ހާދިސާ އަދި ބްލޮގާ ޔާމިން ރަޝީދުގެ މަރުގެ މައްސަލަ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް