އަވަސް އަރުވާލައިގެން އައިމާގެ ބިދޭސީ މުވައްޒަފުންތައް ފުރުވާލި މައްސަލަ ބަލަނީ

ހަމަނުޖެހުންތަކެއްގެ މެދުތެރެއިން އަވަސް އަރުވާލައިގެން އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީ މުވައްޒަފުންތަކެއް ފްލައިޓެއް ޗާޓާ ކޮށްގެން ފުރުވާލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީނ...

22 Jun 2020 | 07:58

ހަމަނުޖެހުންތަކެއްގެ މެދުތެރެއިން އަވަސް އަރުވާލައިގެން އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީ މުވައްޒަފުންތަކެއް ފްލައިޓެއް ޗާޓާ ކޮށްގެން ފުރުވާލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލަން ފަށައިފި އެވެ.

މި މައްސަލަ އެ ކޮމިޓީއަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ހުށަހެޅީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންނެވެ. މިއީ މި ފަދަ މައްސަލައެއް އެ ކޮމިޓީން ބަލާ ފުރަތަމަ ފަހަރެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެ ކޮމިޓީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ މައްސަލައިގަ އެ ކުންފުނީގެ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގެއްލިފައިވާކަމަށް ލިބިފައިވާ މައުލޫމާތުތަކާއި މީޑިއާ ރިޕޯޓުތަކަށް ބަލާއިރު ހާމަވާ ކަމަށެވެ. އައިމާގެ މުވައްޒަފުންނަށް ދިމާވި ކަންތައްތައް ބެލުމުގެ އިތުރުން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނަށް ބިކަ ހާލު ޖައްސަމުންދާ ހާލަތު ބަދަލުކުރަން ނިޒާމީ އިސްލާހުތައް ގެންނަން މި މައްސަލައިން ފުރުސަތު ލިބޭ ކަމަށެވެ.

ޓްރާންސްޕޭރެންސީން އެދިފައިވަނީ އެ މަސައްކަތު މީހުން ރާއްޖެ ގެނެސް ވަޒީފާ ދިނުމުގައި ހިއުމަން ޓްރެފިކިންގެ އަމަލެއް ހިންގާފައިވޭތޯ އާއި ކޯވިޑް-19އާ ގުޅިގެން ދަތުރުފަތުރު ހުއްޓާލައި، ހުރިހާ ގައުމުތަކެއް ލޮކްޑައުންގައި އޮތް ދަނޑިވަޅެއްގައި އެހާ އަވަހަށް އެ މީހުން ފުރުވައިލެވުނު ގޮތް ބަލައި ދިނުމަށެވެ. އަދި އެކަމުގައި ސަރުކާރުގެ ބަޔަކު ބައިވެރިވެ ކޮރަޕްޝަންގެ އަމަލެއް ހިންގިތޯ ބަލައިދޭން އެދިފައިވާއިރު ބުނެފައިވަނީ އެފަދަ ތުހުމަތުތަކެއް އެބަހުރި ކަމަށެވެ.

އައިމާއިން ފުރުވާލާފައިވަނީ އިންޑިއާ އާއި ބަންގްލަދޭޝްގެ 400 އެއްހާ މުވައްޒަފުންނެވެ. އެމީހުން ފުރުވާލީ ދޭން ޖެހޭ ހުރިހާ މުސާރައާއި އިނާޔަތްތައް ދިނުމަށް ފަހު ކަމަށް ބުނެފައިވެ އެވެ.

އެމީހުންނަކީ އައިމާއިން ކޮންޓްރެކްޓަށް ނަގައިގެން އުޅުނު ދެ ރިސޯޓެއް ހަދަމުންދިޔަ މީހުންނެވެ. އެމީހުން ވަނީ އައިމާގެ މެނޭޖްމެންޓާއި ހިތްހަމަ ނުޖެހިގެން ހަދަމުންދިޔަ ރިސޯޓުތަކުގެ ތަންތަނަށް ގެއްލުން ދީފައި އެވެ.

އެހެންވެ އެމީހުން ގެނެސް ތިލަފުށީގައި ހުރި އައިމާގެ ގުދަނެއްގައި ފުރުވާލެވެންދެއް ބޭތިއްބި އެވެ. އެ ދުވަސްތަކުގައި އެ ތަނުގެ ތެރޭގައި މުޒާހަރާކޮށް ހަމަ ނުޖެހުން ހިންގާފައިވެއެވެ. އެ ކަން ބަލަން ފުލުހުން ދިއުމުން ފުލުހުންނަށް އެ ބިދޭސީން ހަމަލާދޭން މަސައްކަތް ކުރުމުން އޭގެ ތެރެއިން ހަތް މީހަކު ފުލުހުން ހައްޔަރު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް