މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ކުރިޔަށް ގެންދެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.
މިކަން ހާމަ ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ ޖަލްސާގައި އެވެ. ނަޝީދު މަރު ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ސުވާލު ކުރުމުގެ ވަގުތުގައި މެންބަރަކު ހައްދު ފަހަނައަޅައި ދިއުމާއި ގުޅޭގޮތުން ސުވާލު ކުރެއްވުމުން ދެއްކެވި ވާހަކަފުޅެއްގައި އެވެ.
ނަޝީދު ވިދާޅުވީ މަސައްކަތްތައް ކުރިޔަށް ގެންދެވެން ނެތްކަން މަޖިލީހަށް އެންގީ ލިޔުމުން ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތަހުގީގު އިތުރަށް ކުރިޔަށް ނުގެންދަން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ ޑްރާފްޓު ރިޕޯޓު އާންމުވުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ލިޔުމުން އެ ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައަކާއި ގުޅޭ އިތުރު ހެއްކެއްވެސް ހޯދިފައި ނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮމިޝަނުން ދެކޭގޮތުގެ ލިޔުން މަޖިލީހުގެ މެންބަރުންނަށް ލިބުމުން އެކޮމިޝަނަށް ދިމާވެގެން އުޅޭ މައްސަލަ އިތުރަށް ސާފުވާނެ ކަމަށެވެ.
އެ ކޮމިޝަނަށް ހޯދު މައުލޫމާތުތަކުގެ މައްޗަށް ބަލައި ދައުވާ ކުރެވެން އޮތީ ވަޅި ޖެހި މީހާއަށް އެކަނިކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ފަންޑު ކުރި މީހުންނާއި އެކަންކަން ރޭވި މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ކޮމިޝަނަށް ހޯދިފައި ނުވާކަމަށެވެ.
ނަޝީދު ވިދާޅުވީ މައްސަލައެއް ތަހުގީގު ކުރާތާ އަހަރު ދެއަހަރު ވާއިރު ރާއްޖޭގައި ތަހުގީގަށް އެނގެން އޮންނަ ވަރަށް ދައުވާ ކުރެވޭތަން ނުފެންނަ ކަމަށެވެ.
މަރު ތަހުގީގު ރިޕޯޓުގެ ޑްރާފްޓު އާންމުވެފައިވަނީ މަޖިލީހުގެ ތެރެއިންނެވެ. އެ ދުވަސްވަރު މަރުކޮމިޝަނުގެ ރައީސް ކަން ކުރެއްވި ފަނޑިޔާރު ހުސްނުއް ސުއޫދުވެސް ވަނީ ޑްރާފްޓު އާންމު ކުރުމުން ހިތްހަމަނުޖެހުން ފާޅުކޮށްފައި އެވެ.
މަރު ކޮމިޝަނުން ބަލަމުން އައި މައްސަލަތަކުގެ ތެރެއިން، ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ބެހޭ ޑްރާފްޓް ރިޕޯޓަކާއި ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި ޖަރީމާއާ ގުޅޭ ރިޕޯޓެއް މަޖިލީހަށް ފޮނުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް