ކޯވިޑް-19: މީޑިއާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދޭން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި އެމްއެމްސީން އެދިއްޖެ

ކޯވިޑް-19 ރޯގާގެ ސަބަބުން މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބެލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކާއި އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފު...

21 Jun 2020 | 23:18

ކޯވިޑް-19 ރޯގާގެ ސަބަބުން މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބެލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކާއި އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ކުރެވުނު ސާވޭއިން ހޯދުނު ހޯދުންތަކުގެ މައްޗަށް ބިނާކޮށް މި ހާލަތުގައި މީޑިއާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލަ ދިނުމަށް، ފިޔަވަޅު އަޅައި ދިނުމަށް، ދައުލަތުގެ 13 އިދާރާއެއްގައި ކައުންސިލުގެ ފަރާތުން ރަސްމީކޮށް އެދިއްޖެއެވެ.

މީޑިއާ ކައުންސިލުން ބުނެފައިވާގޮތުގައި މިގޮތުން ފޮނުވި ސިޓީއާ އެކު ސާވޭ ރިޕޯޓްވެސް އެ އިދާރާތަކާ ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން އެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒްއާ ވެސް ވަނީ ހިއްސާކޮށްފަ އެވެ. މީގެ އިތުރުން މި ކައުންސިލުގެ ފަރާތުން ސިޓީ ފޮނުވި އިދާރަތަކާއި އެ އިދާރާތަކުން ހައްލުކޮށްދޭން އެދުނު ކަންތައްތަކަކީ؛

- ސާވޭގައި ބައިވެރިވި މީޑިއާތަކުގެ އާމްދަނީ 80-60 އިންސައްތަ ދަށްވެފައިވާ ކަމަށް ފާހަގަކޮށްފައި ވާތީ، ރިލީފް ލޯނުގެ ފައިސާ ދޫކުރުން އަވަސް ކޮށްދިނުމަށާއި އިންކަމް ސަޕޯޓް އެލަވަންސް ސްކީމުން ނޫސްވެރިންނަށް ވެސް ފުރުޞަތު ދިނުމަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓާއި، އެސްއެމްއީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ކުރެން އެދުން.

- އޮންލައިން ނޫސްތައް ހިންގުމަށް އިންޓަނެޓަކީ އަސާސީ ޚިދުމަތަކަށް ވާތީ، މީޑިއާތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތަޢާރަފްކޮށްދީ އިންޓަނެޓްގެ އަގު މީޑިއާތަކަށް ހެޔޮކޮށް ދިނުމަށް އެދި، ރާއްޖޭގެ ތިން ޓެލެކޮމް ކުންފުނި ކަމަށްވާ، ދިރާގައި، އުރީދޫ، އާރުއޯއެލް އަދި މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ދެންނެވުން.

- ސަރުކާރު ހިއްސާވާ ކުންފުނިތަކުން މީޑިއާތަކަށް އިޝްތިހާރު ދިނުމުގައި ހަމަހަމަ އުސޫލުތަކާއި މެރިޓަށް ނުބަލާ ކަމަށް ގިނަ މީޑިއާތަކުން ސާވޭއަށް މައުލޫމާތު ދީފައި ވާތީ، ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ސަމާލުކަމަށް ގެނައުން.

- ކޯވިޑް-19 އާ ގުޅޭ ބައެއް މައުލޫމާތުތައް ހޯދުމާއި އެހެނިހެން ވެސް މައުލޫމާތުތައް މީޑިއާތަކުން ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކުން ބޮޑެތި ދަތިތަކާއި ހުރަސްތައް ކުރިމަތިވާ ކަމާއި ބައެއް ތަންތަނުން އެއްގޮތަކަށް ވެސް މައުލޫމާތު ނުދޭ ކަމަށް މީޑިއާތަކުން ފާހަގަ ކުރާތީ އެކަން އިންފޮމޭޝަން ކޮމިޝަނަރުގެ ސަމާލުކަމަށް ގެނައުން.

- މީގެ އިތުރުން، ކޮމިޔުނިޓީ ނޫސްތަކަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި ސިޓީ ކައުންސިލްތަކުން ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރާ ކަމަށް، އެފަދަ ނޫސްތަކުން ފާހަގަ ކުރާތީ އެކަން އިސްލާހުކޮށް ދިނުމަށް، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އާއި އައްޑޫ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ކައުންސިލްގައި އެދުން.

މީޑިއާ ކައުންސިލުގެ ފަރާތުން މި އިދާރާތަކަށް ފޮނުވި ސިޓީގައި، އެދިފައި ވާނީ މަތީގައިވާ ކަންކަން ހައްލުކޮށް ދިނުމަށް އެ އިދާރާއަކުން އަޅާނެ ފިޔަވަޅުތައް ކައުންސިލަށް އަންގައިދިނުމަށް ކަމަށާއި އަދި އެ ކަންކަން އިސްލާހުވަމުން އަންނަ މިންވަރު ކައުންސިލުން ކައިރިން ބަލަމުން ދާނެ ކަމުގައިވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

މީޑިއާ ކައުންސިލުން އިތުރަށް ބުނެފައިވާގޮތުގައި މި ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް މީޑިއާތަކާއި ނޫސްވެރިން ކުރަށްވަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް ކައުންސިލުން އެ ފަރާތްތަކަށް ހިތްވަރު ދެއެވެ. އަދި މި ކައުންސިލުން މިހާރު ވަނީ، ނޫސްވެރިން މަސައްކަތުގެ މާހައުލާއި އޮފީސް މާހައުލުގައި ސިއްހީ ގޮތުން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ބެހެއްޓުމަށް އެންމެހާ މީޑިއާތަކުގެ މެނޭޖްމަންޓްގައި ސިޓީ އަކުން ދެންނެވިފައިވާނެ ކަމަށާއި މީޑިއާތަކާއި ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުގައި މި ކައުންސިލުން ފަސްނުޖެހި މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަގީންކަން މި ފުރުޞަތުގައި ވެސް އަރުވާކަމުގައި މީޑިއާ ކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް