މިއަހަރުގެ ފިތުރު އީދު ދުވަހަކީ އާދިއްތަ ދުވަސް ކަމަަށް ކަނޑައަޅައިފި އެވެ.
ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ރާއްޖޭ އާއި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލް މަހުގެ ހަނދު ފެނިފައި ފެންމަތި ނުވާކަމަށެވެ. އަދި ފަލަކީ ހިސާބުތަކުން ހަނދު ނުފެންނާނެކަން ސާބިތު ވާތީ މާދަމާ އަކީ މި ހިނގާ ރަމަޟާން މަހުގެ30 ވަނަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި، ދިވެހިރާއްޖެއިން އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މޭމަހުގެ 23 ވާ ހޮނިހިރު ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާ މޭ މަހުގެ 24 ވާ އާދިއްތަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.
"މާތް ﷲ އަޅުގަނޑުމެން ހިފި ރޯދަ އާއި މި ބަރަކާތްތެރި މައްސަރުގައި ކުރި ހެޔޮ އަމަލު ގަބޫލު ކުރައްވައި އަޅުގަނޑުމެންގެ ފާފަ ފުއްސަވާށި އެވެ. އަދި ރަމަޟާން މަހަށް ފަހު ވެސް ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމުގެ ތައުފީގު އަޅުގަނޑުމެންނަށް ދެއްވާށި އެވެ،" ގަރާރު ނިންމައިލައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ރޯދަ މަސް ނިމި ފިތުރު އީދާއި ދިވެހިން ކުރިމަތިލާއިރު ކޯވިޑް-19 އާއި ގުޅިގެން މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައިވާތާ މަހެއް ފަހުން މިއަދު ވަނީ އާންމު ހާލަތުގައި ހުރި ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާފައި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ ރަށްރަށުގައި ފިތުރު އީދު ނަމާދުވެސް ކުރާނެ ކަމަށެވެ.
ޖަމާއަތުގައި ނަމާދު ކުރަން ފަށާފައިވަނީ ލޮކްޑައުންގައި ނެރް ރަށްރަށާއި، މޮނިޓަރިންއިން ނުވަތަ މީހަކު ކަރަންޓީންކޮށްފައި ހުރި ނަމަ އެންމެ ފަހު މީހާ ދޫކޮށްލާތާ28 ދުވަސް ވެފައިވާ ރަށްރަށުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް