ޖަމާއަތުގައި ނަމާދު ނުކުރެވޭ ރަށްތަކުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން މިއަދު އާންމު ކުރި ލިސްޓުގައި ހިމަނާފައިވާ ބައެއް ރަށްރަށުގައި ނަމާދު ކުރަން ފެށީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ އާއި އެކު ކަމަށް ކައުންސިލްތަކުން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވަރަށް ހެނދުނު އާންމު ކުރި ލިސްޓުގައި25 ރަށެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި މޮނިޓަރިންއިން ނެގިތާ28 ދުވަސްވެފައިވާ ރަށްތަކެއް ހިމެނެ އެވެ.
"ދުވަސް" އަށް މައުލޫމާތު ދެމުން ނ. ކެނދިކުޅުދޫ މީހަކު ބުނީ އެ ރަށުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާނެކަން ކައުންސިލުން ހެނދުނު އާންމުކޮށް އަޑުގަދަ ކުރާއިން އެންގި ކަމަށެވެ. އެކަމަކު މިނިސްޓްރީން އާންމު ކުރި ލިސްޓުގައި އެ ރަށް އިންކަން އެނގުނީ މެންދުރުވާން އުޅެނިކޮށް ކަމަށްވެ އެވެ.
އެހެންވެ ފަހުން ޖަމާއަތުގައި ނަމާދު ކުރުން ނޯންނާނެކަން މިސްކިތުން އެންގީ ބައެއް މީހުން މިސްކިތަށް ގޮސްތިއްބައި ކަމަށެވެ.
ށ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް މި މައްސަލަ ދިމާވި އެވެ. އެ އަތޮޅު ނަރުދޫ އަމާޒު ބޯޓުން ދަތުރު ކުރި މީހުން ގޮސްފައިވާ ރަށްތަކެއް މިދިޔަ މަހުގެ ތެރޭގައި މޮނިޓަރިންއަށްލީ އެ ބޯޓުގައި ދަތުރު ކުރި މީހުންގެ ޓެސްޓުގެ ނަތީޖާ ލިބެންދެންނެވެ. ނަތީޖާ ލިބުމާއި އެކު އެ ރަށްރަށް މޮނިޓަރިންއިން ނަގާފައިވާއިރު މޮނިޓަރިންއިން ނެގިތާ 28 ދުވަސްވެފައިވާ ރަށްތަކުގެ ތެރޭގައި ފުނަދޫ، ޅައިމަގު އަދި މާއުނގޫދޫ ފަދަ ރަށްރަށް ހިމެނެ އެވެ.
އެކަމަކު މިއަދު އާންމު ލިސްޓުގައި އެ ރަށްތައް ހިމަނާފައިވީ ނަމަވެސް އެ ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރި އެވެ.
އޭގެ ތެރެއިން ޅައިމަގު ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުއް ރާފިއު ވިދާޅުވީ ޖަމާއަތުގައި ނަމާދު ނުކުރެވޭ ލިސްޓުގައި ރަށުގެ ނަން އޮތްކަން އެނގުނީ މިއަދު ހެނދުނު ކަމަށެވެ. ލިސްޓުގައި ހިމަނާފައިވަނީ މޮނިޓަރިން އިން ނެގިތާ28 ދުވަސް ނުވާ ރަށްރަށް ކަމަށްވާއިރު އެ ރަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު މޮނިޓަރިންއިން ނެގިކަން އިސްލާމިކް މިނިސްޓްރީއަށް ލިޔުމުން މިއަދު އަތޮޅު ކައުންސިލް މެދުވެރިކޮށް އަންގާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރަށުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށީ އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން އެ މިނިސްޓްރީގެ ހުއްދަ އާއި އެކު ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން މަހެއްހާ ދުވަހަށް މެދުކަނޑާލުމަށް ފަހު ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިވަނީ އާންމު ހާލަތުގައި އޮތް ރަށްތަކަށް ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވި އެވެ. އެކަމަކު އެ ނިންމުމާއި އެކު މޮނިޓަރިންއިން ނެގިތާ28 ދުވަސް ވާން ޖެހޭ ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ގިނަ ރަށްރަށުގައި ރޭ ވަނީ މިއަދު ޖަމާއަތުގައި ނަމާދު ކުރަން ފަށާނެކަން އާންމުކޮށް ރަށު ރައްޔިތުންނަށް އަންގާފައި އެވެ.
ޖަމާއަތުގައި ނަމާދު ކުރަން ފެށުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވަނީ ޑޮކްޓަރުންނާއި މަޝްވަރާ ކުރުމަށް ފަހު ވަކި އުސޫލުތަކަކާއި އެއްގޮަތަށް އަމަލު ކުރާ ގޮތަށެވެ.
އޭގެ ތެރޭގައި މާސްކު އަޅައިގެން މިސްކިތަށް ދިއުމަށާއި، ގެއިން ވުލޫކޮށްގެން މުސައްލަ ހިފައިގެން ދިއުމަށް އަންގާފައިވެ އެވެ. އަދި ރޯގާ ޖެހިފައި ހުންނަ މީހުން މިސްކިތު ޖަމާއަތަށް ނުދިއުމުގެ އިތުރުން އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމަށް އަންގާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް