ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހަމަނުޖެހި މާލޭގައި އުމުރުން ހަތަރު މަހުގެ ތުއްތު ކުއްޖަކު އެ ކުއްޖާގެ މަންމަގެ ކޮނޑުމައްޗަށް ނިޔާވިކަމަށް ރޭގައި ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާއިރު އެ ކުއްޖާ ނިޔާވީ ޑޮކްޓަރުންގެ ހާއްސަ ޓީމަކުންވެސް ފަރުވާދެމުން ދަނިކޮށް ކަމުގައި އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން މިހެން ބުނެފައިވަނީ މިކަމާއިބެހޭގޮތުން ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ 21 މެއި 2020 ވަނަ ދުވަހު މި ހޮސްޕިޓަލުގައި ފަރުވާ ދެވެމުންދަނިކޮށް އުމުރުން ހަތަރު މަހުގެ ތުއްތު ކުއްޖަކު ވަނީ ނިޔާވެފައި ކަމަށާއި މި ތުއްތު ކުއްޖާ އިމަޖެންސީއަށް ގެނައުމާއިއެކު އިމަޖެންސީ ޑޮކްޓަރުން، ސްޕެޝަލިސްޓުންގެ ލަފަޔާއެކު ކުއްޖާގެ ފަރުވާ ކުރިއަށް ގެންދިޔަ ކަމަށެވެ.
"ކުއްޖާގެ ބަލި ދެނެގަތުމަށްޓަކައި އަލްޓްރާސައުންޑް އާއި ސީޓީ ސްކޭނެއްވެސް ހަދާފައިވެއެވެ. އަދި ކުއްޖާގެ ހާލަތު ބަދަލުވުމާ ގުޅިގެން ފުރާނަ ސަލާމަތްކުރުމަށްޓަކައި، އިމަޖެންސީ ފިޒީޝަނަކާއެކު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާ އޮޕަރޭޝަން ޑޮކްޓަރުންނާ އަދި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުންވެސް ފަރުވާދެއްވި" އޭޑިކޭއިން ބުނެފައިވެއެވެ
ނަމަވެސް އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭގޮތް ވަނީ ނުވެފައި ކަމުގައިވެސް އޭޑީކޭއިން ބުނެފައިވެއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވަނީ މި ހިތާމަވެރި ހާދިސާއާ ގުޅިގެން ކަން ހިނގާދިޔަ ގޮތުގެ މައުލޫމާތު އާއިލާއާއި ހިއްސާކޮށްފައިވާނެ ކަމަށާއި އަދި މިފަދަ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރަން މި ހޮސްޕިޓަލުގައި ކަނޑައަޅާފައިވާ އެސްއޯޕީތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަފްސީލް ރިވިއު އެއް ހަދަން ވާނީ ފަށާފައި ކަމަށެވެ. އަދި މި ދެންނެވުނު ރިވިއު ނިމުމުން އެ މައުލޫމާތު އާއިލާއާ ހިއްސާކުރާނެ ކަމުގައިވެސް އޭޑީކޭއިން ބުނެފައިވެއެވެ.
"މި ހިތްދަތި ދަނޑިވަޅުގައި، ތުއްތު ކުއްޖާގެ އާއިލާއަށް ކެތްތެރިކަން ދެއްވާ މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުންއެދި މާތް ﷲއަށް ދުއާ ދަންނަވަމެވެ. އަދި ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން އާއިލާއަށް އިހްލާސްތެރި ކަމާއެކު ތައްޒިޔާ ދަންނަވަމެވެ." އޭޑީކޭގެ ނޫސްބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
އޭޑީކޭއިން މިހެން ބުނެފައިވާއިރު ރޭގައި ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ އެ ކުއްޖާ ނިޔާވީ، ޑޮކްޓަރަކަށް ދެއްކޭނެ ގޮތެއް ނުވެ އެ ކުއްޖާގެ މަންމަގެ ކޮނޑުގައި ކަމަށެވެ. އަދި ނިޔާވި ފަހުން ޑަކުޓަރަކު އައިސް މަރު ކަށަވަރުކޮށްދިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް