އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގާ ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް ނުވިސްނޭކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި ހިއްސާ ކުރެއްވި ކުރު ނޯޓެއްގައެވެ.
އެ ނޯޓުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އަދި އުސޫލުތަކަށް އަޅުގަނޑު ތާއީދެއް ނުކުރައްވާކަމަށާއި އެހެންނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށެވެ.
"އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެކަމަށް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް." ރައީސް ނަޝީދުގެ ނޯޓުގައި ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން މަރުކޮމިޝަންގެ މައްސަލަތައްވެސް ހަމަ މިފަދަ ކަމަށާއި ކުރާން ބުނި ކަންކަންވެސް އަޅުގަނޑުމެން ޖެހޭނީ ކުރަން ކަމުގައި ރައީސް ނަޝީދުގެ ނޯޓުގައި ލިޔުއްވާފައިވެއެވެ.
https://twitter.com/AmnaShath/status/1263713488234569731
މިފަދަ ނޯޓެއް ރައީސް ނަޝީދު ދޫކޮށްލައްވާފައިވާއިރު ރައީސް ޔާމީން ޖަލުގައި ބޭއްވުމަކީ އިންސާފު ނޫން ކަމަށްބުނެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއް ރޭގައި ރައިސް ނަޝީދު ރީޓްވީޓް ކުރައްވާފައިވެއެވެ.
ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް ނުވިސްނޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވެފައިވާއިރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގާ ދެން އެންމެ ބޮޑު ތުހުމަތު ތަކެއް ކުރެވޭ، ކުރީގެ ނައިބު ރައީސް އަދި އެހެނިހެން ބޭފުޅުންވެސް ތިއްބެވީ ގޭ ބަންދުގައެވެ. ނޫނީ ދޫކޮށްލެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް