ޖަމާއަތުގައި ނަމާދު ނުކުރެވޭނީ 25 ރަށެއްގައި: އިސްލާމިކް މިނިސްޓްރީ

ފުރަބަންދުގެ ހާލަތުގައި ނެތް ރަށްރަށުގައި މިއަދު ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރެވޭނެކަން ހާމަކޮށްފައިވާއިރު ޖަމާއަތުގައި އަދި ނަމާދު ނުކުރެވޭނެ ރަށްރަށަކީ ކޮބައިކަމާއި މިކަމުގައި އަމ...

22 May 2020 | 07:22

ފުރަބަންދުގެ ހާލަތުގައި ނެތް ރަށްރަށުގައި މިއަދު ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރެވޭނެކަން ހާމަކޮށްފައިވާއިރު ޖަމާއަތުގައި އަދި ނަމާދު ނުކުރެވޭނެ ރަށްރަށަކީ ކޮބައިކަމާއި މިކަމުގައި އަމަލުކުރަންވީ ގޮތް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން ހާމަކޮށްފައިވާ ލިސްޓްގައި ހިމެނޭ ރަށްތަކކީ ށ. ނަރުދޫ، ނ. މަނަދޫ، ހއ. ތަކަންދޫ، ކ. ތުލުސްދޫ، ށ. މިލަންދޫ، ހއ. އުލިގަމް، ކ. ހިންމަފުށި، ށ. މާއުނގޫދޫ، ށ. ފުނަދޫ، ށ. ފީވަކު، ނ. ހޮޅުދޫ، ނ. ހެނބަދޫ، ށ. ގޮއިދޫ، ހދ. ކުމުންދޫ، ހދ .ހިރިމަރަދޫ، ނ. ކެނދިކުޅުދޫ، ހއ. ދިއްދޫ، ހއ. އުތީމު، ބ.ކެންދޫ، ނ. މިލަދޫ، ނ. މާފަރު، ށ. ޅައިގަމު، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ އަދި ކ. މާފުއްޓެވެ.

އެ 25 ރަށަކީ މީގެ ކުރިން މޮނީޓަރިންގެ ހާލަތަށް ގެންދެވި މޮނީޓަރިން ހާލަތުން ނެގުނުތާ 28 ދުވަސް ހަމަނުވާ ރަށްތައްވެސް ހިމެނޭހެން އެކުލަވާލާފައިވާ ލިސްޓެކެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީން ރަށް ރަށަށާއި އެލްޖީއޭ އަދި ސިޓީ ކައުންސިލްތަކަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ މިއަދު ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރުމަށް ރަށްރަށުގައި ހުޅުވާލާއިރު ބައެއް ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.

އެގޮތުން

-ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅާފައި ނެތުން

-ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފުކުރުން

-މިސްކިތުގައި ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން

-ކޮންމެހެން ބޭނުންކުރަންޖެހިއްޖެ ހާލަތެއްގައި ނޫނީ އެއަރކޯނު ބޭނުން ނުކުރުމާއި، އެއާކޯން ބޭނުންކުރާ ނަމަވެސް ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާގޮތް ހެދުން

މިއެވެ.

އަދި މިސްކިތައް ނަމާދަށް ދާ ބޭފުޅުން އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަށްވެސް ބުނެފައިވެއެވެ.

އެއީ

-ގެއިން ވުލޫ ކޮށްގެން މިސްކިތަށް ދިއުން

-މާސްކު އެޅުން

-ރޯގާ ޖެހިފައި ނުވަތަ ހުން އަސްފައި ނުވަތަ ކެއްސާނަމަ މިސްކިތަށް ނުދިއުން

-ނަމާދު ނިމުމަށްފަހު މިސްކިތުގައި ގިނައިރުވަންދެން މަޑު ނުކުރުން

-ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތްތަކަށް ނުދިއުން

-އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން

-ޖަމާއަތުގެ ސަފު ހެދުމުގައި ގައިދުރުކަން ބެހެއްޓުން

މިއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިސްކިތްތައް ހުޅުވާލުމުގައި ސަމާލުކަން ދިނުމަށް ފާހަގަ ކޮށްފައިވާ ކަންކަމަކީ މިހާރުގެ ހާލަތަށް ރިއާޔަތް ކުރެވިގެން، ބަޔާން ކުރެވިފައިވާ ކަންތައްތަކަށްވެފައި މިސްކިތްތައް ހުޅުވާލާއިރު ލުއި ދިނުމުގެ މަރުހަލާތަކަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، މިހާރުގެ ހާލަތު ރަނގަޅުވަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފި ހާލަތެއްގައި ޖަމާއަތުގައި ނަމާދުކުރުމާއި ގުޅޭގޮތުން އިތުރު ލުއިތައް ދެމުންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް